އުކާލެވޭ ކުނީގެ ތެރޭގައި ހިމެނޭ ކާބޯތަކެއްޗާއި ފަތްޕިލާވެލި ބޭނުންކޮށްގެން ދިވެހިރާއްޖޭގެ މާހައުލާއި ގުޅޭ، ރައްކާތެރި ގަސްކާނާ ތައްޔާރުކުރުމުގެ ފުރުޞަތު މާލޭ ސިޓީ ކައުންސިލަށް ލިބިފައިވާކަމަށާ، އެހެންކަމުން ގަސްކާނާ ތައްޔާރުކުރަން ކައުންސިލުން ނިންމާފައިވާކަމަށް އެކައުންސިލުން ހާމަކުރައްވައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ވިދާޅުވީ މިކަން ކުރާނީ ރައްކާތެރި ލުއި ފަސޭހަ އަދި ޚަރަދު ކުޑަ ނިޒާމެއްގެ ތެރެއިންކަމަށެވެ. މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 88ވަނަ ރަސްމީ ޢާއްމު ޖަލްސާގައެވެ.
"އުކާލެވޭ ކުނީގެ ތެރޭގައި ހިމެނޭ ކާބޯތަކެއްޗާއި ފަތްޕިލާވެލި ބޭނުންކޮށްގެން ދިވެހިރާއްޖޭގެ މާހައުލާއި ގުޅޭ، ރައްކާތެރި ގަސްކާނާ ތައްޔާރުކުރުމުގެ ފުރުޞަތު މާލޭ ސިޓީ ކައުންސިލަށް ލިބިފައިވުމުން ރައްކާތެރި ލުއި ފަސޭހަ އަދި ޚަރަދު ކުޑަ ނިޒާމެއްގެ ތެރެއިން ގަސްކާނާ ތައްޔާރުކޮށް ފޯރުކޮށް ދިނުމާ ގުޅޭ ގޮތުން މިއަދުގެ ޖަލްސާއަށް ހުށަހެޅިފައިވާ ކަރުދާހުގައިވާ ޚިދުމަތުގެ އަގު ނެގުމުގެ ބަޔަށް ގެނެވޭ އިސްލާޙު {ގަސް ކާނާގެ އަގު ކަނޑައަޅާނީ މާލޭ ސިޓީ ކައުންސިލުގެ ވޭސްޓްމެނޭޖްމަންޓް ސެކްޝަންގެ ލަފަޔާއެކު މާލޭ ސިޓީ ކައުންސިލުންނެވެ.} މިގޮތަށް އިސްލާހުކޮށް ހުށަހެޅިފައިވާ ކަރުދާސް ފާސްކުރުމަށް އެދި ހުށަހެޅުނު ހުށަހެޅުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ." ސިޓީ ކައުންސިލުން ވިދާޅުވެފައިވެއެވެ.
މާލޭ މޭޔަރު ވިދާޅުވީ މި ކަމަކީ މާލެ ތެރެއިން ކުނި ނެގުމުގެ މަސައްކަތް ކުރިއަށްދާއިރު އެނެގޭ ކުނިން ކައުންސިލަށް އާމްދަނީވެސް ލިބޭނެގޮތަށް ކަންކަން ކުރިއަށް ގެންދިއުމުގެ ވިސްނުމުގައި ކުރަން ނިންމި ކަމެއްކަމަށެވެ.