ސްޓޫޑަންޓް ލޯނަށް އެދުމުގެ ފުރުޞަތު އަންނަ ހަފްތާގައި ހުޅުވާލާނެ

ސްޓޫޑަންޓް ލޯނަށް އެދުމުގެ ފުރުޞަތު އަންނަ ހަފްތާގައި ހުޅުވާލާނެ

މަތީ ތަޢުލީމަށް ކިޔެވުމަށްޓަކައި ސަރުކާރުން ދެމުން އަންނަ ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުޞަތު އަންނަ ހަފްތާގައި ހުޅުވާލާނެކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހިމް ޙަސަން ވިދާޅުވެއްޖެއެވެ.

މިއީ މިއަހަރު ލޯނަށް ހުޅުވާލާ ފުރަތަމަ ފަހަރެވެ. ނަމަވެސް ލޯނަށް ހުޅުވާލަނީ ކިހާ ފުރުޞަތެއްކަމަށް މިނިސްޓަރ ވިދާޅެއް ނުވެއެވެ. ސަރުކާރުގެ އެހީގައި ލޯނު ނަގައިގެން އެތައް ދަރިވަރުންނެއް އަންނަނީ ރާއްޖެއިން ބޭރުން އެކި ދާއިރާއަކުން މަތީ ތަޢުލީމަށް ކިޔަވަމުންނެވެ.

ރާއްޖެއިން ބޭރަށް ކިޔަވަން ދިއުމަކީ މާލީ ތަނަވަސްކަން ނެތް ދަރިވަރުންނަށް ފަސޭހަކަމަކަށް ނުވާތީ މިސަރުކާރުން ވަނީ އެފަދަ ކުދިންނަށްވެސް ފަސޭހައިންމަތީ ތަޢުލީމަށް ކިޔެވޭނެ ފުރުޞަތު ފަހިކޮށްދީފައެވެ. އެގޮތުން ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ދަރިވަރުންނަށް ލޯނު ދިނުމުގައި މާލީ ތަނަވަސްކަން ނެތް މީހުންނާއި، ނުކުޅެދުންތެރިކަން ހުރި މީހުންނަށް އިސްކަން ދެއްވައެވެ. މަތީ ތަޢުލީމަށް ކިޔެވުމަށްޓަކައި ސަރުކާރުން ދޫކުރާ ލޯނު ވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި ވަނީ 1986 ދަރިވަރަކަށް ދޫކޮށްފައިވެއެވެ. މިގޮތުން މިހާރުވެސް 32 ޤައުމެއްގައި 800 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ ލޯނުގެ އެހީގައި ކިޔަވަމުންނެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހިމް ޙަސަން ވިދާޅުވީ އަންނަ ހަފްތާގެ ތެރޭގައި ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލޭނެކަމަށާއި ލޯނަށް ހުޅުވާލާނީ އިދާރީ ފީ %1 އަށް ކުޑަކުރުމަށް ފަހުގައިކަމަށެވެ. ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު އިތުރު 20 އަހަރަށް ފަސްކޮށްފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިއާއެކު މަހެއްގެ މައްޗަށް ދައްކަންޖެހޭމިންވަރު ކުޑަވާނެކަމަށެވެ. އަދި ލޯނު ދެއްކުމަށް އެއްވެސް ދައްޗެއް އޮތްނަމަ އެކަމަށްވެސް ހައްލެއް ގެނައުމަށް އެ މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އެކި ދާއިރާތަކަށް މީހުން ބިނާކުރުމަށްޓަކައި، މުވައްޒަފުން ބޭނުންވާނެ ދާއިރާތައް ފާހަގަކޮށް، އެކަމުގެ ތަފާސްހިސާބުތައް އެއްކުރެވިފައިވާކަމަށެވެ. އަދި މިފަހަރުގެ ލޯން ސްކީމް ހުޅުވާލާއިރުވެސް އެ ދާއިރާތަކަށް ލޯނުދިނުމުގެ ފުރުޞަތު އިތުރުވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިއަހަރަށް ފާސްކުރި ބަޖެޓުގައި މަތީ ތައުލީމާއި ތަމްރީން ފޯރުކޮށްދިނުމަށް 856.6 މިލިޔަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އަދި ލޯނު ދިނުމަށް 216.1 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *