މިހަފްތާގެ ހޯމަދުވަހު ތުރުކީގެ ދެކުނުގެ ސަރަހައްދަށާއި، އަދި ސީރިއާގެ އުތުރަށް އައި ވަރުގަދަ ބިންހެލުމުގައި ސީރިއާގައި މަރުވީ މީހުންގެ އަދަދު އަދިވެސް ދަނީ މަތިވަމުން ކަމުގައި އެގައުމުގެ ރަސްމީ މުވައްސަސާތަކުން ހާމަ ކޮށްފިއެވެ.
މިގޮތުން، މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ އެގައުމުގެ އޮފިޝަލުން ވަނީ މިހާތަނަށް އެގައުމުގައި 2,660 މީހުން ބިންހެލުމުގައި މަރުވެފައިވާކަމުގައި ބުނެފައެވެ. ދެގައުމުން އާންމުކޮށްފައިވާ ރަސްމީހު ހިސާބުތައް ދައްކާގޮތުން، ބިންހެލުމުގައި މިހާތަނަށް 11،000 މީހުން މަރުވެފައިވާކަން ވަނީ ޔަގީން ކުރެވިފައެވެ.
ސީރިއާގެ ސަރުކާރުން ބުނެފައިވަނީ، އެގައުމުގެ ސަރުކާރުން ކޮންޓްރޯލް ކުރަމުންދާ ސަރަހައްދުތަކުގައި، ބިންހެލުމުގެ ސަބަބުން މިހާތަނަށް 1،262 މީހުންވަނީ މަރުވެފައެވެ. އަދި 2,285 މީހުންނަށް އަނިޔާވެފައިވާކަމަށްވެސް މީޑިއާ ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
ހަމައެއާއެކު، ސީރިޔާގެ އުތުރުގައި، އިދިކޮޅު ފަރާތްތަކުން ކޮންޓްރޯލް ކުރަމުންދާ ސަރަހައްދުތަކުގައި މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަންތައް ކުރިޔަށް ގެންދަމުންދާ "ވައިޓް ހެލްމެޓްސް" އިން ބުނެފައިވަނީ އެ ސަރަހައްދުތަކުގައި މިހާތަނަށް 1،400 މީހުން މަރުވެ، 2،700 މީހުންނަށް އަނިޔާވެފައި ވާކަމުގައެވެ.
އަދި އިތުރު އެތައް ސަތޭކަ އާއިލާއެއް، ވެއްޓިފައިވާ އިމާރަތްތަކުގެ ދަށުގައި މިހާރުވެސް ތާށިވެފައިވާ ކަމުގެ އިންޒާރުވެސް އެ ޖަމިއްޔާއިން ވަނީ ދީފައެވެ. އެހެންކަމުން، މި ސަރަހައްދުތަކުގައި މަރުވަމުންދާ މީހުންގެ އަދަދު މަތިވަމުން ދާނެކަމާމެދު އެއްވެސް ޝައްކެއް ނެތްކަމުގައިވެސް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.
މި ޖަމާއަތުން ބުނެފައިވަނީ، ބިން ހެލުމުގެ ސަބަބުން އެ ޖަމިއްޔާގެ 4 މެމްބަރަކާއި އެމީހުން އާއިލާތައްވެސް ވަނީ މި ބިންހެލުމުގައި މަރުވެފައެވެ.
ސިރީއާގައި ހިގަމުންދާ އަހުލީ ހަނގުރާމައިގެ ސަބަބުންވެސް، މީހުން ސަލާމަތް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ވަނީ ހީނަރުކަން އައިސްފައެވެ. އޭގެ އިތުރުންވެސް ފިނި ގަދަވުމާއި، ރަގަޅު އިމާރާތްތައް މި ސަރަހައްދު ތަކުގައި މަދުވުމާއި، އަދި އެ ސަރަހައްދުގައި ކޮލެރާ ފެތުރެމުން ދިއުމުގެ ސަބަބުންވެސް މި ސަރަހައްދު ތަކުގައި ދިރިއުޅޭ ފަރާތަތަކަކީ ބޮޑެތި ގޮންޖެހުމާއި ދަތި އުދަނގުލުގައި ދިރިއުޅެމުން ދިޔަ ބައެކެވެ.
މި ސަރަހައްދުތަކުގައި ދިރިއުޅެމުންދާ 1.4 (ގިނައީ އަންހެނުންނާއި ކުޑަކުދީން) މީހުން ދިރިއުޅެމުންދާ މިސަރަހައްދުތަކުގައި މިނާތަނަށް މީހުން ދިރިއުޅެމުން އައިސްފައިވަނީ އެކިއެކި ފަރާތްތަކުން ފޯރުކޮށްދެމުން އަންނަ އިންސާނީ އެހީތެރިކަމުންނެވެ.