އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ބަލިވި މީހުން މިއަދު ކުރަންވީ ކަމަކީ މޮޅުވި މީހުންގެ ފަހަތަށް އަރައިގެން ކުރިއަށް ދިއުން ކަމުގައި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ބަހުސްގެ މަރުހަލާގައި ވާހަކަ ދައްކަވަމުން ޣަފޫރު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކޮށް ރައީސް ނަޝީދު ބަލިވުމުން އެކަން ގަބޫލުނުކޮށް މަޖިލީހުގައި ހިމެނޭ އެމަނިކުފާނަށް ތާއީދުކުރާ މެމްބަރުން އެކި ވާހަކަ ދައްކަމުންދާކަމަށެވެ. އެމްމަބަރުން މިއަދު ކުރަންވީ ކަމަކީ އިންތިޚާބުން ބަލިވުމުން ބަލި ގަބޫލުކޮށް މޮޅުވި މީހުންގެ ފަހަތަށް އެރުންކަމަށް މެމްބަރުން ޣަފޫރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މަޖިލީހުގައި މީގެ ތިން އަހަރެއް ކުރިން ސަރުކާރަށް ސަނާކީ މެމްބަރުންނަށް އިންތިޚާބުން ބަލިވުމާއިއެކު ސަރުކާރު ގޯސްވާންވީ އެއްވެސް ސަބަބެއް ނެތްކަމަށެވެ. އިންތިޚާބުތަކުން ބަލި ގަބޫލުނުކުރެވި ސަރުކާރާއި ދިމާކޮށް ޖެއްސުން ކުރުމަކީ ޑިމޮކްރަސީ ދަންނަ ކަމެއް ނޫންކަމަށް ޣަފޫރު ވިދާޅުވިއެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ސޯލިހް، ވަނީ ނަޝީދުގެ މައްޗަށް ކުރި ހޯއްދަވައި، ރިޔާސީ ޓިކެޓު ކަށަވަރު ކުރައްވައިފައެވެ. ރިޔާސީ ޕްރައިމަރީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް %61 ލިބިވަޑައިގެންނެވި އިރު، ނަޝީދަށް ލިބިވަޑައިގަތީ %39 އެވެ.
ރިޔާސީ ޕްރައިމަރީގެ ނަތީޖާ ނަޝީދު ގަބޫލުފުޅު ކުރެއްވި ނަމަވެސް އެ އިންތިހާބު ކުރިޔަށް ދިޔައީ ވަރަށް ބޮޑަށް އޮޅުވާލައިގެން ކަމަށް ނަޝީދުގެ ފެކްޝަނުން އަންނަނީ ތުހުމަތު ކުރަމުންނެވެ. އެކަމަކު، އެމްޑީޕީން ބުނަމުން އަންނަނީ އިންތިހާބު އަލުން ބާއްވަން ޖެހޭ ފަދަ ސަބަބެއް ނެތް ކަމަށެވެ.
ނަޝީދުގެ މިހާރުގެ ވިސްނުންފުޅަކީ އެމްޑީޕީގެ އެތެރެއިން ފިކުރެއްގެ ދިރުންގެ ނަމުގައި ސިޔާސީ ހަރަކާތެއް ކުރިޔަށް ގެންގޮސް ވަކި ގޮފިތަކެއް އުފެއްދުމަށެވެ. އަދި އެ ގޮފިތަކުން 50،000 މެމްބަރުން ހަމަ ކުރުމަކީ ނަޝީދު މިވަގުތު އެންމެ އިސްކަން ދެއްވާ ކަމެވެ.