ތިލަފުށިން ބިދޭސީންނަށް ބިން ވިއްކުން ހުއްޓުވަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ބޭރުކޮށްލައިފިއެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލާގައި ވިދާޅުވީ ބިމުގެ ދަތިކަން މާލެ ސަރަހައްދުގައި ދިރިއުޅޭ ދިވެހި ވިޔަފާރިވެރިންނަށް މިހާރު ވެސް ކުރިމަތިވެފައި އޮތް ދަނޑިވަޅެއްގައި ބީލަމުގެ އުސޫލުން ބިދޭސީންނަށް 99 އަހަރަށް ބިން ދިނުމުން އެކަމުގެ ނޭދެވޭ އަސަރު ވިޔަފާރިވެރިންނަށާއި ރާއްޖޭގެ އިގްތިސާދަށް ވެސް ކުރާނެ ކަމަށެވެ.
އެކަމަކު އޭނާ ހުށަހެޅުއްވި މައްސަލައަށް ބަހުސްކުރުމަށް މަޖިލީހުން ފާހެއް ނުވިއެވެ. އެ މައްސަލަ ބަލައިގަތުމާ ގުޅޭ ގޮތުން ނެގި ވޯޓުގައި ބަހުސްކުރުމަށް ވޯޓު ދެއްވީ އެންމެ ނުވަ މެމްބަރެކެވެ. ދެކޮޅަށް 36 މެމްބަރުން ވޯޓު ދެއްވިއެވެ.
އެ ކުއްލި މައްސަލައިގައި ބުނެފައި ވަނީ ތިލަފުއްޓަކީ ދިވެހި ބައިތުލްމާލުން ހަރަދުކޮށްގެން ތަރައްގީ ކުރަމުން އަންނަ "ދިވެހި ވިޔަފާރިވެރިންނަށް" މުހިންމު ތަނެއް ކަމަށާއި މިހާރު ވެސް މާލޭ ސަރަހައްދުގައި ބިމުގެ ދަތިކަން ހުރިއިރު ބިދޭސީންނަށް ތިލަފުށިން ބިން ވިއްކުމަކީ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށެވެ.
ބިމުގެ ދަތިކަން ދިވެހި ވިޔަފާރިވެރިންނަށް މިހާރު ވެސް ކުރިމަތިވެފައިވާއިރު، ބީލަމުގެ އުސޫލުން 99 އަހަރަށް ނުއަގުގައި ވިއްކުމަކީ އެކަމުގެ ނޭދެވޭ އަސަރު ދިވެހި ވިޔަފާރިންނަށާއި ރާއްޖެގެ އިގްތިސޯދަށް ވަރަށް ބޮޑަށް ކުރާނެ ކަމަކަށް ވާތީ. ކުއްލި މައްސަލައިގައިވެއެވެ.
މިއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ވިޔަފާރީގެ ފުރުސަތުތައް ހަނިވެ، ވިޔަފާރިތައް ބޭރު މީހުންގެ އަތްމައްޗަށް ދިއުމުގެ ފުރުސަތު އޮތް ކަމަކަށް ވާތީ މި އުސޫލު ބަދަލު ކުރަން ވަނީ ގޮވާލައިފައެވެ.