ރާއްޖޭގައި އެހެން ޤައުމުތަކުގެ މަސްލަހަތު އިސްކުރުމަކީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލުން ކަމުގައި ހައިކޯޓުގެ ކުރީގެ އިސްފަނޑިޔާރު ޝުޖާއު އުސްމާން ވިދާޅުވެއްޖެއެވެ.
ޝުޖާއު އުސްމާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ މަސްލަހަތަށްވުރެ އެހެން ޤައުމެއްގެ މަސްލަހަތު އިސްކުރުމަކީ ޤާނޫނު އަސާސީގެ ބާރު ކަނޑުވާލުން ކަމަށެވެ. ޝުޖާއު މިހެން ވިދާޅުވެފައިވަނީ ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދު ރައްޔިތުންނަށް ހާމަކުރަން ޑިފެންސް މިނިސްޓްރީ އިން ދެކޮޅު ހަދާފައިވާތީ އެކަމަށް ފާޑުވިދާޅުވެއެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބި އަދަދާއި އެމީހުންނަށް ކުރަމުން އަންނަ ހަރަދު ހާމަ ނުކުރުމާއި ގުޅިގެން އޮންލައިން ނޫހަކުން އިންފޮމޭޝަން ކޮމިޝަނަށް ހުށަހެޅި މައްސަލަ އާއި ގުޅިގެން ޑިފެންސް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރ ވިދާޅުވީ، އިންޑިއާ ސިފައިންގެ މައުލޫމާތު ހާމަކޮށްފި ނަމަ މި ދެގައުމުގެ ދެމެދުގައި އޮތް ގުޅުމަށް ބުރޫއަަރާފާނެ ކަމަށެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފައްސާލަން ޖެހޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަނީ "ހޮޅި" ވާހަކަތަކެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީވެސް ވަނީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އިންޑިއާ ސިފައިންގެ ނަން ނުގެންނަވައި މާރިޔާ ވިދާޅުވީ "ބަޔަކު ފައްސާލާ ވާހަކަ" ދެއްކީމަ ހީވަނީ ރާއްޖޭގެ ބައެއް އެ މީހުން ހިފައިގެން ތިބިހެން ކަމަށެވެ. އެކަމަކު، ބަޔަކު ފައްސާލާ ވާހަކަ ދައްކަން ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މާރިޔާގެ ވާހަކައިގައި އެ އިޝާރާތް ކުރެއްވީ އިންޑިއާ އިން ރާއްޖެއަށް ދިން ދެ ހެލިކޮޕްޓަރު ދުއްވަން އުޅޭ އިންޑިއާގެ ސިފައިންނަށް ކަމަށް ބެލެވެ އެވެ. ހެލިކޮޕްޓަރުތައް ބެލެހެއްޓުމަށް ގިނަ އަދަަދެއްގެ އިންޑިއާ ސިފައިން ތިބޭ ކަމަށް ވިދާޅުވެ، އެކަމާ ދެކޮޅަށް އެންމެ ބޮޑަށް މިހާރު ވާކާލާތު ކުރައްވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އިދިކޮޅު ޕީޕީއެމާއި ކޮންގްރެސް ޕާޓީގެ އިސް ބައެއް ބޭފުޅުންކަމަށް މިނިސްޓަރ މާރިޔާ ވަނީ ވިދާޅުވެފަ އެވެ.
ކޮމެންޓު ފޮނުވާ