މާލޭ ސިޓީ ކައުންސިލުން އަމަލުކުރާ ދެ އުސޫލެއް ބާތިލް ކުރަން ސްޓެލްކޯއިން ހައި ކޯޓަށް

މާލޭ ސިޓީ ކައުންސިލުން އަމަލުކުރާ ދެ އުސޫލެއް ބާތިލް ކުރަން ސްޓެލްކޯއިން ހައި ކޯޓަށް

ގްރޭޓާ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޖެއްސުންކޮށް ލިބޭ ހިދުމަތްތަކުގެ އަގު ބޮޑުކުރުމުގެ ނިޔަތުގައި މާލޭސިޓީކައުންސިލުން ގާނޫނާއި ހިލާފަށް އަމަލުކުރަން ފަށާފައިވާ ދެ އުސޫލެއް ބާތިލް ކުރުމަށް އެދި ސްޓެލްކޯއިން ދުސްތޫރީ  ދުސްތޫރީ މައްސަލައެއް މިއަދު ހައިކޯޓަށް ހުށަހަޅާފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.

ސްޓެލްކޯއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ދުސްތޫރީ މައްސަ ހުށަހެޅުމާއެކު، މި މައްސަލައާއިމެދު ވަކި ގޮތެއް ކަނޑައަޅާ ނިމެންދެން އެ ދެ އުސޫލަށް އަމަލުކުރުން ފަސް ކުރުމުގެ ވަގުތީ އަމުރަކަށްވެސް ހައިކޯޓުގައި އެކުންފުނިން އެދިފައި ވާނެ ކަމުގައެވެ.

ސްޓެލްކޯއިން ހައި ކޯޓަށް ހުށަހަޅާފައިވަނީ ކުންފުނިތަކުން ދޭ ޚިދުމަތް ދިނުމަށް މާލޭގައި މަގު ކޮނެގެން ކުރާ މަސައްކަތްތަކަށް ސިޓީ ކައުންސިލަށް ދައްކާ ފީ ބޮޑުކޮށް، މާލޭ ސިޓީ ކައުންސިލުން އެކުލަވާލި އުސޫލު ބާތިލް ކުރުމަށެވެ.

ސްޓެލްކޯއިން އިއްޔެ ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެފައިވަނީ، މާލޭގެ މަގުތައް ކޮނުމަށް ސިޓީ ކައުންސިލުން ނަގަމުން އަންނަ ފީތައް %154 ބޮޑު ކޮށްފައި ވާކަމުގައެވެ.

ޝަރީފް ވިދާޅުވި ގޮތުން، މާލޭ ސިޓީ ކައުންސިލުން ފީތައް އެގޮތަށް ބޮޑުކުރިއިރު، އެކަމާއި ގުޅޭގޮތުން ސިޓީ ކައުންސިލުން ސްޓެލްކޯއާއި މަޝްވަރާ ކޮށްފައި ނުވާކަމުގައެވެ. އޭގެ އިތުރުން މި ޚިދުމަތް ހޯދާންޖެހޭ އެހެން ބައެއް ކުންފުނިތައް ކަމަށްވާ، އެމްޑަބްލިއުއެސްސީ، އުރީދޫ، ދިރާގު އަދި އާރުއޯއެލް ފަދަ ކުންފުނިތަކާވެސް ސިޓީ ކައުންސިލުން މަޝްވަރާ ކޮށްފައި ނުވާކަމަށްވެސް ޝަރީފް ވިދާޅުވެފައި ވެއެވެ.

ޝަރީފް ވިދާޅުވި ގޮތުގައި، ލާމަރުކަޒީ ގާނޫނުގެ ދަށުން އުސޫލުތައް ހަދާ އުސޫލުތަކަށް ބަދަލު ގެނައުމުގެ ބާރު ކައުންސިލްތަކަށް ލިބިދީފައި އޮންނަނީ އެލްޖިއޭގެ ލަފާގެ މަތިންނެވެ. އެހެންނަމަވެސް މި ގަވާއިދަށް ސިޓީ ކައުންސިލުން ބަދަލު ގެނެސްފައިވަނީ އެލްޖީއޭގެ ލަފާވެސް ނުހޯދާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އުސޫލަށް ބަދަލު ގެނައުމާއި ގުޅޭގޮތުން ސްޓެލްކޯއިން ކަންބޮޑުވުން ފާޅު ކޮށްފައިވާއިރު، ސިޓީ ކައުންސިލުން ބުނެފައިވަނީ އާ އުސޫލުގެ ދަށުން، އަސާސީ ޚިދުމަތްތަކަށް މަގު ކޮންނަ ނަމަވެސް އެއްވެސް ފީއެއް ނެގުމަށް ހަމަޖެހިފައި ނުވާކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *