އަންނަ ހުކުރުދުވަހު ހަވީރު އިދިކޮޅު ޕީޕީއެމް/ޕީއެންސީން މާލޭގައި ބޮޑު ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ.
ޕީޕީއެމްއިން ވަނީ މިކަން ހާމަކޮށްފައެވެ. މިއީ ޕީޕީއެމްގެ ރިޔާސީ ކެމްޕެއިން ނުވަތަ އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީންގެ ރިޔާސީ ކެމްޕެއިން ފެށުމުގެ ގޮތުން މިފެށޭ ފެބްރުރުއަރީ 2އިން 4އަށް ބާއްވާ "ހޯޕް" ކޮންފަރެންސްއާ ގުޅިގެން ބާއްވާ ހިނގާލުމެއްކަމަށް ޕީޕީއެމްއިން ބުނެއެވެ.
މިކޮންފަރެންސްގައި 1200އެއްހައި މެންބަރުން ބައިވެރިވާނެކަމަށް ޕީޕީއެމްއިން ބުނެފިއެވެ.
ޕީޕީއެމްގެ އެޑްވައިޒަރ އަދި ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު ކުރެއްވި ޓްވީޓެއްގައި ވަނީ ހުކުރުދުވަހުގެ ބޮޑު ހިނގާލުމުގެ އިސްތިހާރެއް ޢާންމުކުރައްވާފައެވެ. އަދި އެދިވަޑައިގެންފައިވަނީ ވީހާވެސް ގިނަ މީހުން މި ހިނގާލުމުގައި ބައިވެރިވުމަށެވެ. ހިނގާލުން ބާއްވަނީ ހުކުރުދުވަހު ހަވީރު 16:00ގައެވެ.
މި ހިގާލުމުގައި ހުރިހާ ބޭފުޅުން ބައިވެރިވެ ދެއްވުން އެދެެން. pic.twitter.com/R2F98RUGfD
— Mohamed Waheed (@DrWaheedH) January 31, 2023
ދަރުބާރުގޭ ގައި ބާއްވަން ތާވަލްކޮށްފައިވާ "ހޯޕް" ކޮންފަރެންސް އޮންނާނީ ދެ ސެޝަންއަށް ބަހާލައިގެންކަމށާ، އެކަމުގެ އެންމެފަހުގެ މަޝްވަރަތައް މިހާރު އިދިކޮޅު ކޯލިނުން ކުރިއަށް ގެންދާކަމަށްވެސް ޕީޕީއެމްއިން ބުނެއެވެ.
ކޮމެންޓު ފޮނުވާ