ނަޝީދުގެ ކެމްޕޭން ނިންމާލުން ހިނގާލުމަކުން، ފެށެނީ އެމްޑީޕީ ހަރުގެ ކުރިމަތިން

ނަޝީދުގެ ކެމްޕޭން ނިންމާލުން ހިނގާލުމަކުން، ފެށެނީ އެމްޑީޕީ ހަރުގެ ކުރިމަތިން

Author
ހުސެއިން
27 ޖެނުއަރީ 2023 01:49
0

މިހާރު ކުރިޔަށްދާ އެމްޑިޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ ފަހުގެ މާލޭގެ ކެމްޕޭން އިވެންޓު އެމްޑީޕީގެ ހަރުގެ ކުރިމަތީގައި ބޭއްވުމަށް ހަމަޖައިފިއެވެ.

"ފިކުރެއްގެ ދިރުން" ކެމްޕޭންގެ ފަރާތުން ހާމަ ކޮށްފައިވާ ގޮތުގައި، ނަޝީދުގެ މާލޭގެ ކެމްޕޭން ނިންމުން އޮންނާނީ ހިނގާލުމަކާ އެކުއެވެ. މި ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ އެމްޑީޕީ ހަރުގެ ކުރިމަތިން މިއަދު ހަވީރު 4:30 ގައެވެ.

މާލޭގައި މިއަދު 16:30 ބޭއްވުމަށް ހަމަޖެހިފައިވާ ކެމްޕޭން ހަރަކާތުގައި ނަޝީދު ބައިވެރިވެވަޑައިގަންނަވާކަމެއް އަދި ޔަގީން ކުރެވިފައެއް ނުވެއެވެ.

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ދެފަރާތުންވެސް ވަރަށް ވާދަވެރިކޮށް ކޮށްފައި ވާއިރު، ރޭ ދެ ޓީމުންވެސް ވަނީ ކެމްޕޭންގެ ބޮޑު ދެ ޖަލްސާ ބާއްވާފައެވެ.

މިގޮތުން ރައީސް ސާލިހުގެ ކެމްޕޭން ޖަލްސާ އައްޑު އަތޮޅު ހިތަދޫގައި ބާއްވާފައިވާއިރު ނަޝީދުގެ ކެމްޕޭން ޖަލްސާ ބާއްވާފައިވަނީ މާލޭގެ އާރޓިފިޝަލް ބީޗުގައެވެ. މި ދެ ޖަލްސާއަށްވެސް ގިނަ އަދަދެއްގެ ސަޕޯޓަރުން ހާޒިރުވެފައިވާކަން ފާހަގަ ކޮށްލެވެއެވެ. އަދި ރައީސް ޞާލިހުވެސް ރައީސް ނަޝީދުވެސް ވިދާޅުވަމުންދަނީ މިއިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާނެ ކަމުގައެވެ.

އެމްޑީޕީން ބުނެފައިވަނީ މި އިންތިޚާބުގައި 200އަށް ވުރެ ގިނަ ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން މާލެ ސަރަހައްދުގައި ޖުމްލަ 49 ވޯޓު ފޮށި ބަހައްޓާއިރު، އަތޮޅުތެރޭގައި 194 ވޯޓު ފޮށި ބަހައްޓަން އެޕާޓިން ނިންމާފައިވެއެވެ.މި އިންތިޚާބުގައި ވޯޓުލުން ކުރިއަށްދާނީ މާދަމާ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.

މި އިންތިޚާބުގައި މޮނީޓަރުންގެ މީޑިއާތަކުންވެސް ހަރަކާތްތެރި ވާނެއެވެ. މިގޮތުން ކޮންމެ ވޯޓު ފޮއްޓެއްކައިރި އެއްވަގުތެއްގައި ހަރަކާތްތެރިވެވޭނީ ކޮންމެ ޕްރިންޓް އަދި އޮންލައިން މީޑިއާ އަކުން އެއްބޭފުޅަކަށާއި އަދި ކޮންމެ ޓީވީ ސްޓޭޝަނަކުން 2 މީހަކަށް ކަމަށް އެމްޑޕީން ވަނީ ބުނެފައެވެ.

މިއިންތިޚާބުގައި ވޯޓުލާ އެމްޑީޕީގެ ވޯޓާސް ހިމެނެނީ އެޕާޓީގެ 57،257 މެމްބަރުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.