އިދިކޮޅު ފަރާތްތަކުން އިނގިރޭސި ސަފީރާ ބައްދަލުކޮށްފި

އިދިކޮޅު ފަރާތްތަކުން އިނގިރޭސި ސަފީރާ ބައްދަލުކޮށްފި

Author
ޢަލީ އާދަމް
26 ޖެނުއަރީ 2023 07:15
0

ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގެ އިސް ބޭފުޅުން އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރާ ބައްދަލުކޮށްފިއެވެ.

ޕީޕީއެމްއިން މައުލޫމާތުދޭގޮތުގައި މިއީ ރައީސް ޔާމީނަށް ދަށުކޯޓުން ކޮށްފައިވާ ޙުކުމަކީ ސަރުކާރުގެ ސިޔާސީ ނުފޫޒުން ކޮށްފައިވާ ސިޔާސީ ޙުކުމެއްކަމަށް އިދިކޮޅުން ޤަބޫލުކުރާތީ އެކަމުގެ މަޢުލޫމާތާއި އެކަން އެގޮތަށް ޤަބޫލުކުރާ ސަބަބުތައް ބައިނަލްއަޤްވާމީ ދުނިޔެއަށް ހާމަކުރުމުގެގޮތުން ކުރަމުންދާ މަސައްކަތުގެ ބައެއްކަމަށެވެ. މިބައްދަލުވުމުގައިވެސް އިދިކޮޅުން ވަނީ ރައީސް ޔާމީންގެ ޖަލުޙުކުމާ ބެހޭގޮތުން ވާހަކަދައްކާފައިކަމަށް ޕީޕީއެމްއިން ބުނެއެވެ.

އަދި މީގެ އިތުރުން މިސަރުކާރުގެ ކޮރަޕްޝަނާއި ފަސާދައިގެ ވާހަކަތަކާއި އިންސާފުން ބޭރުން ހިންގަމުންދާ ކަންކަމުގެ ވާހަތައް އިނގިރޭސި ސަފީރާ ޙިއްސާކޮށްފައިވާނެކަމަށް އިދިކޮޅުން ބުނެއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބުނީ ރައީސް ޔާމީނަށް ކޮށްފައިވަނީ ސަރުކާރުން ބޭނުންވެގެން ސަރުކާރުގެ ނުފޫޒުން ކޮށްފައިވާ ސިޔާސީ ޙުކުމެއްކަމަށާ، އެމަނިކުފާނު މިނިވަންކުރަން ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރާނެކަމަށެވެ. އަދި އެކަމަށްޓަކައި ޓަކިޖަހަންޖެހުނު ކޮންމެ ދޮރެއްގައި ޓަކި ޖަހާނެކަމަށްވެސް އިދިކޮޅުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.