އެގްރީމެންޓާއި ޚިލާފަށް ބޮޑުތަކުރުފާނު މަގުގައި ހިންގަމުންދާ "ކެފޭ ތާސީރު" އެތަނުން ބަދަލުކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ސިޓީ ކައުންސިލުން ހާމަ ކޮށްފައިވާ ގޮތުގައި، މާލޭގެ 358 ނަންބަރު ކޮށީގައި، މާލޭގެ ދެކުނު ފަރާތު ވިލާގޭސް ބޮޑުތަކުރުފާނުމަގާއި އިންވެގެން ހުރި 7 ނަންބަރު ފާޚާނާބަރީގައި ހިންގަމުންދާ"ކެފޭ ތާސީރު" ގެ ވިޔަފާރި ހުއްޓުވާ އެތަނުން އެ ކެފޭ ނެގުމަށް އަންގަންޖެހޭ ހުރިހާ އެންގުންތައް އަންގާ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް އެ ކައުންސިލުން ނިންމާފައިވަނީ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާފާނެކަމުގެ ބިރުއޮތުމުން ކަމަށެވެ.
މިކަން ހުއްޓުވަން ނިންމީ ކެފޭ ތާސީރު ބަދިގެ އަކީ ގިނަ އަދަދެއްގެ ގޭސްފުޅި ގުދަންކުރެވިފައި ހުންނަ ތަނަކާއި އިންވެގެން ހުންނަ ބަދިގެއެއް ކަމުން ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާފާނެ ކަމުގެ ބިރުއޮތުމުން.
މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައި ވެއެވެ.
މުއިއްޒު ވިދާޅުވީ ދާދިފަހުންވެސް ކެފޭއެއްގެ ބަދިގޭގަ ރޯވެގެން ވަރަށްބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާފައިކަމަށާއި، މީގެ އިތުރުން ދާދި ފަހުން ނީލަން ފިހާރަ ހުރިތަނުގައި ރޯވެ، ކައުންސިލްގެ މުވައްޒަފުންތިބޭ އެކޮމޮޑޭޝަން ބްލޮކްވެސް އަނދައިގެންގޮސްފައިވާކަމަށެވެ. އެ ހާދިސާގައިވެސް ގޭސްފުޅި ފަދަ ތަކެތި ގޮވި މަންޒަރު ވަނީ ފެނިގެންގޮސްފައި ކަމަށާއި، ތާސީރު ކެފޭގެ ވާހަކަ މަޝްވަރާކޮށް ގޮތެއް ނިންމަން ބޭނުންވީ މިހުރިހާ ކަމަކާއި ގުޅިގެން ކަމަށްވެސް މޭޔަރު ވިދާޅުވެފައި ވެއެވެ.
އެގެ އިތުރުން، މިކަމަކީ ޤާނޫނީ ވަރަށް ގިނަ މަރުޙަލާތައް ހިނގާފައިއޮތް ކަމެއްކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވެފައިވަނީ މައްސަލައަކީ އެބިމަކީ ޕޭ ޓޮއިލެޓް ހިންގަން ހުއްދަ ދެވިފައިވާތަނެއް ނަމަވެސް އެގްރީމެންޓާއި ޚިލާފްވެ ޕޭ ޓޮއިލެޓް ނުހިންގައިގެން ކައުންސިލުން ކޯޓަށް ގޮސް މައްސަލަ ކައުންސިލާއި އެއްކޮޅަށް ނިމިފައިވާ މައްސަލައެއް ކަމުގައެވެ.
ދާދި ފަހުންވެސް ކައުންސިލުން އެތަން ހުސްކުރަން ދިޔަ ނަމަވެސް، އެފަރާތުން ވަނީ ކައުންސިލާއި ދެކޮޅަށް ވަގުތީ އަމުރެއް ނެރެދިނުމަށް ދަށު ކޯޓަށް މައްސަލަ ހުށަހަޅާފަ. އެހެން ނަމަވެސް ކޯޓުން ކައުންސިލާއި ދެކޮޅަށް އެ އަމުރު ނެރެދީފައެއް ނުވޭ.
މޭޔަރު މުއިއްޒު ވިދާޅުވެފައި ވެއެވެ.
މުއިއްޒު ވިދާޅުވީ ކެފޭ ތާސީރު ހިންގާ ފަރާތުން އެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައި ކަމަށާއި، މައްސަލަ މިހާރުވެސް ދަނީ ހައި ކޯޓުގައި ހިނގަމުންކަމަށެވެ.
ކޮމެންޓު ފޮނުވާ