ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އޯޕީޑީ އިމާރާތުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އޯޕީޑީ އިމާރާތުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެ

ގުޅުންހުރި

މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އޯޕީޑީ އިމާރާތުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެއެވެ.

ހދ. ކުޅުދުއްފުށީ އޯޕީޑީ އިމާރާތް ކުރުމުގެ މަޝްރޫޢުއަކީ 20.2 މިލިއަން ރުފިޔާއަށް ސަރުކާރުން މި އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.
10،000 މީހުންނަށް ވުރެ ބޮޑު އާބާދީއެއް ދިރިއުޅޭ ހދ. ކުޅުދުއްފުއްޓަކީ ހަމައެކަނި އެރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަވެފައިވާ ރަށެއް ނޫނެވެ. ނަމަވެސް ކުޅުދުއްފުއްޓަކީ މުޅި ހއ. ހދ. އަދި ށ. މި ތިން އަތޮޅުގައި ދިރިއުޅޭ 72،000 ރައްޔިތުންނަށްވެސް އެކި ޚިދުމަތް ހޯދުމަށާއި، އެހެނިހެން ބޭނުންތަކުގައި އައިސް ހަދައި އުޅުމަށް މުޙިންމު ރަށެއްކަމަށް އެމްޓީސީސީން ބުނެއެވެ.

އެގޮތުން އެރަށަށް ބޮޑުތިލަދުންމަތީ ރައްޔިތުން އެންމެ ގިނައިން އަންނަ އެއް ބޭނުމަކީ އެރަށުގައި ހުރި ރީޖަނަލް ހޮސްޕިޓަލްގެ ޚިދުމަތް ހޯދުންކަން އެމްޓީސީސީން ފާހަގަކުރެއެވެ. އަދި، ކުޅުދުއްފުށި ހޮސްޕިޓަލްއަކީ މުޅި ބޮޑު ތިލަދުންމަތީގައިވެސް މިވަގުތު ހަމައެކަނި ހުރި ޓަރޝިއަރީ ފެންވަރަށް ތަރައްޤީކުރެވިފައިވާ ހޮސްޕަޓަލްކަމުން، އެހެން ހޮސްޕިޓަލްތަކުން ނުލިބޭ އެކި އެކި މުޙިންމު ޚިދުމަތް ހޯދުމަށް ބޮޑުތިލަދުންމަތީގެ ވަރަށް ގިނަ ރައްޔިތުން މި ހޮސްޕިޓަލްއަށް ބަރޯސާވާކަންވެސް އެމްޓީސީސީން ފާހަގަކުރެއެވެ.

އެހެންކަމުން، އެމް.ޓީ.ސީ.ސީއިން ނިންމާ ހަވާލުކުރެވިފައިމިވާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އޯޕީޑީ އިމާރާތުގެ ސަބަބުން މި ހޮސްޕިޓަލް އިތުރަށް ތަރައްޤީވެ، ބޮޑު ތިލަދުންމަތީގެ
ރައްޔިތުންނަށް ސިއްޙީ ޚިދުމަތް ހޯދުމުގައި އިތުރު ލުއިފަސޭހަކެމެއް ލިބިގެންދާނެކަމަށް އެކުންފުނިން ދެކެއެވެ.

މި މަޝްރޫޢުގެ ދަށުން، 21 ބަލިމީހުން ބަލާ ކޮޓަރި އިމާރާތް ކުރުމާއި، 1 ފަރުވާދޭ ކޮޓަރި އިމާރާތް ކުރުމާއި، 1 ޕްރޮސީޖަރ ކޮޓަރި އިމާރާތް ކުރުމާއި، 1 ނަރސިންގ ސްޓޭޝަން ހެދުމާއި، 6،189 އަކަފޫޓުގެ ވެއިޓިންގ ލޯންޖެއް ހެދުމާއި، 32 ޑިސްޕްލޭ ހުންނަ ކިއު ސިސްޓަމެއް ބެހެއްޓުމާއި، ސީސީޓީވީ ކެމެރާ ސިސްޓަމެއް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

އެމްޓީސީސީން ބުނާގޮތުގައި ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. 1980ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ