ވިލިމާލޭގައި ބަހުގެ ޚިދުމަތް ދިނުމާއި ސިޓީ ކައުންސިލުން ދެކޮޅު

ވިލިމާލޭގައި ބަހުގެ ޚިދުމަތް ދިނުމާއި ސިޓީ ކައުންސިލުން ދެކޮޅު

Author
ހުސެއިން
19 ޖެނުއަރީ 2023 07:23
0

ލާމަރުކަޒީޤާނޫނު އެއްފަރާތްކޮށް ވިލިމާލޭގައި ބަހުގެ ޚިދުމަތް ދިނުމާއި މާލެ ސިޓީ ކައުންސިލުން ދެކޮޅު ކަން މޭޔަރާއި ކައުންސިލަރުން ހާމަކުރައްވައިފިއެވެ.

ސަރުކާރުގެ ހުއްދައާއިއެކު މާލެ ސިޓީ ކައުންސިލުން ވިލިމާލޭގެ ބަގީ ޚިދުމަތަށް ތައްޔާރުވެފައި ވަނިކޮށް ސިޓީ ކައުންސިލާއި މަޝްވަރާކުރުމެއްނެތި ސަރުކާރުން ބަސް ޚިދުމަތް ފަށަން ނިންމި ނިންމުމާއި ދެކޮޅަށް މާލެ ސިޓީގެ މޭޔަރާއި ކައުންސިލަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ކައުންސިލްގެ 85 ވަނަ ޖަލްސާގައި މިކަމާއިގުޅޭ ކަންބޮޑުވުން ފާޅުކުރައްވާ އަދި ސޯޝަލް މީޑިއާގައިވެސް މިކަން ހިއްސާކުރައްވާ ސަރުކާރާއި، ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ ލޯކަލް ގަވަރމެންޓް އޮތޯރިޓީ(އެލްޖީއޭ) ގެ ސަމާލުކަމަށްވެސް މިކަން ގެނެސްފައިވަނިކޮށް ރޭގެ ދަންވަރުގެ ވަގުތެއްގައި ސަރުކާރުން ވިލިމާލެއަށް ވަނީ ބަސްތަކެއް އަރުވާފައިވާކަމަށް ކައުންސިލުން ބުނެފައި ވެއެވެ.

މިކަމާއި ގުޅިގެން މާލޭސިޓީގެ މޭޔަރު މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކައުންސިލްގެ ހުއްދައެއް ހޯދުމަކާ ނުލާ ގަވާއިދާ ޚިލާފަށް، "ވަގަށް"، ރޭ ދަންވަރު ވިލިމާލެއަށް ބަސްތަކެއް އަރުވާފައިވާކަމަށެވެ. އަދި މިކަން ދިވެހި ފުލުހުންގެ ޚިދުމަތާއި، އެލްޖީއޭގެ ސަމާލުކަމަށް ގެނެސްފައި ވާކަމުގައި މޭޔަރު ވިދާޅުވިއެވެ. މިއާއިއެކު މޭޔަރު ވަނީ މިއީ ސަރުކާރު ހިންގާ މައި ޕާޓީގެ އެތެރޭގެ ޕްރައިމަރީއަށް ނުފޫޒު ފޯރުވުމަށް ޤާނޫނުތައް މުގުރާލުމުގެ ގޮތުން ސަރުކާރުން ކުރާ ކަމެއްގޮތުގައި ސިފަކުރައްވާފައެވެ.

ވިލިމާލޭގައި ބަގީގެ ޚިދުމަތް އަންނަ ފެބްރުއަރީ މަހު ފެށުމަށް ތައްޔާރުވެފައިވަނިކޮށް ސަރުކާރުން މިފަދައިން ޢަމަލު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އެމްޓީސީސީ އަށް ކައުންސިލާއި މަޝްވަރާނުކޮށް މި ޚިދުމަތް އިޢުލާނުވެސް ނުކުރެވޭނެ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު އަހުމަދު އައިފާން ވަނީ ވިދާޅުވެފައެވެ.

ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވީ މި ކަމަކީ ސަރުކާރުން ވަޒީރުންގެ ބާރު ކަނޑުވާލުމަށްފަހު ކުރާކަމެއް ކަމަށެވެ. އެގޮތުން ޓްރާންސްޕޯޓް މިނިސްޓަރު ވެސް އެދި ވަޑައިގަންނަވަނީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ޚިދުމަތް ދިނުންކަމަށާއި، އެކަމަށްޓަކައި މިނިސްޓަރަށް ޝުކުރު ދަންނަވާކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއުގެ އިތުރުން ކައުންސިލަރ ސައިފް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ސައިފް ވިދާޅުވީ އަނެއްކާވެސް މިފެނިގެންދަނީ ލާމަރުކަޒީ ނިޒާމު ހަލާކުވެގެން ދާގޮތަށް ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ދައުރު ފުޅާވެގެންދާތަން ކަމަށެވެ. އަދި މިއީ ހިތާމަ ކުރާ ކަމެއް ކަމުގައި ސައިފް ވިދާޅުވިއެވެ.

މިކަމާއި ގުޅޭގޮތުން ކައުންސިލަރ ޒަމީރު ވިދާޅުވީ ލާމަރުކަޒީ ޤާނޫނަކީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ދަންނަ އެއްޗެއް ނޫންކަމަށެވެ. އަދި މުއައްސަސާތަކުން ކުރަންޖެހޭ ކަންކަންވެސް ރައީސް އަށް ވަނީ އޮޅިފައި ކަމަށް ޒަމީރު ވިދާޅުވިއެވެ.

ޖުމްލަގޮތެއްގައި ހުރިހާ ކައުންސިލަރުންވެސް ފާހަގަކުރެއްވީ ކައުންސިލާއި މަޝްވަރާ ކުރުމެއްނެތި ލާމަރުކަޒީ ޤާނޫނާއި ފުށުއަރާގޮތަށް ސަރުކާރުން މިކަންކުރަން ނިންމީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ދިމާކޮށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު މި އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.