ރަގަޅު ގޮތް ފެނުނީމާ ދެން ކުރިޔަށް ދާންވާނީ އެމަގަކުން ކަމަށާއި، މުޒާހިރާކޮށް އެނބުރި ފަހަތަށް ގޮސް އަނެއްކާ އަލުން މަގުމަތި ވުމަކީ އެންމެ ރަގަޅު ގޮތް ނޫންކަމުގައި ރައީސް ސާލިހު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިޔަށްދާ އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭންގައި މިހާރު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު މިލަންދޫގައި އެމްޑީޕީގެ ސަޕޯޓަރުންނާއި މުޚާތަބްކޮށް ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ މުޒާހިރާކޮށް އަޑު އުފުލަންވެސް ޖެހޭނެ ކަމަށެވެ. އަދި 2012 އިން 2018 ވަނަ އަހަރާއި ހަމައަށް އެމްޑީޕީގެ މެމްބަރުން ތިބީ މަގުމަތިވެފައި ކަމަށް ވިދާޅުވަމުން ރައީސް ވިދާޅުވީ، ތާއަބަދު މަގުމަތި ވެފައި ތިބުމަކީ އެންމެ ރަގަޅު ގޮތް ނޫންކަމުގައެވެ.
އެކަމަކު ތާ އަބަދު އެކަން ކުރަން ޖެހުނީމަ އެއީ، ރަނގަޅު ގޮތެއް ނޫން، އަޅުގަނޑުމެންނަށް ރަނގަޅު ގޮތް ފެނުނީމަ، ކުރިއަށް ދެވެން އޮތް ގޮތް ފެނުނީމަ ދެން ދާން ޖެހޭނީ އެ މަގުން، އެނބުރި ފަހަތަށް ގޮސް މަގުމަތިވުން އެއީ ރަނގަޅު ގޮތެއް ނޫން، އެއީ އެމްޑީޕީއަށްވެސް ރަނގަޅު ގޮތެއް ނޫން، ގައުމަށްވެސް ރަނގަޅު ގޮތެއް ނޫން.
ށ. މިލަންދޫގެ އެމްޑީޕީގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި 5 އަހަރަށް އެރަށުގައި ކުރިޔަށް ގެންދާން އެމަނިކްފާނު ވައުދުވީ ކަންކަމުގެ ތެރެއިން ނުފެށި މިހާރު ހުރީ މަދު ކަންތައްތަކެއް ކަމަށާއި، 5 އަހަރުގެ ދައުރު ނިމުމުގެ ކުރިން އެމަސައްކަތްތައްވެސް ކޮށް ނިންމަވާނޭ ކަމުގައެވެ.
އަދި ރައީސް ވިދާޅުވީ މި ސަރުކާރުން ކަންކަން ކުރަމުންދާނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ކަމަށެވެ.
ހަމަ ހިތައް އެރީމަ ވަކި މީހަކަށް ކަންތައް ހަވާލު ކުރަނީއެއް ނޫން، ހަމަ ހިތަށް އެރީމަ އެ ދުވަހު ކަންތައް ނިންމަނީއެއް ނޫން.
ކަންކަން ކުރެއްވުމުގައި އެއްވެސް ކަމެއް ހިތައް އެރިގޮތަކަށް ކުރައްވަމުން ނުދެންދަވާކަމަށް މޭރުން ކުރައްވަމުން ރައީސް ސާލިހު ވިދާޅުވިއެވެ. އަދި ކުރީ ސަރުކާރުން ގާނޫނާއި ޚިލާފަށް ކޮށްފައި ހުރި ކަންކަމުން އަދިވެސް މި ސަރުކާރަށް އަރައިގަނެވިފައި ނުވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިލަންދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ސާލިހު ވިދާޅުވީ މީގެ 20 އަހަރުކުރިން ދޫކޮށްފައިވާ ނަލަންދޫއިން ށ. އަތޮޅަށް ފައިދާ ވަމުން ނުދާކަމަށާއި، ނަލަންދޫގެ މައްސަލަވެސް މިހާރު އޮތީ ބޮޑު ދަލެއް ދޭންޖެހޭ ހާލަތުގައި ކަމުގައެވެ. އަދި ވިދާޅުވީ އެހެންނަމަވެސްް ދެފަރާތުގެ ދެމެދުގައި މިހާރު ވާހަކަ ދެކެވެމުންދާ ކަމަށާއި އެރަށް އިންވެސްޓު ކުރާނޭ ފަރާތެއްވެސް މިހާރު ހޯއްދެވިފައި ވާކަމަށެވެ.
ރައީސް ސާލިހު ވިދާޅުވީ މިދައުރުގައި މިރަށް ފަތުރިވެރިކަމަށް އެކަށީގެންވާ މިންްވަރަށް ތައްޔާރު ވެގެންދާނެ ކަމުގައެވެ.