ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ބަހުގެ ޚިދުމަތް މާލެ ސިޓީއަށް ފޯރުކޮށްދިނުމަށް އެމްޓީސީސީން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލެ އަދި ހުޅުމާލެ އާއި އެއްފަސްގަނޑަކުން މިވަގުތު ގުޅިފައި ނެތް ވިލިމާލެއަށް ދިނުމަށް ތައްޔާރުވަމުންދާ ކަމުގައި އެމްޓީސީން ބުނެފިއެވެ.
އެކުންފުނިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ވިލިމާލޭގައި ފޯރުކޮށްދިނުމަށް ތައްޔާރުވަމުންދާ ބަހުގެ ޚިދުމަތުގައި ބޭނުންކުރާނީ ތިމާވެއްޓާއި ރައްޓެހި 6 (އިލެކްޓްރޯނިކް ވެހިކަލް) އީވީ ކަމުގައެވެ.
މިގޮތުން މި ބަސްތަކުގައި 11 މީހުންނަށް އިށީންދެ ތިބެވޭނެހެން ސީޓު ހަރުކުރެވިފައި ހުރުމުގެ އިތުރުން 4 މީހުންނަށް ކޮޅަށްތިބެވޭނެ ޖާގަވެސް ހުންނައިރު މިއީ ޖުމްލަ 15 މީހުންނަށް އެއްފަހަރާ ދަތުރުކުރެވޭނެ ޖާގަ ހުރި ބަސްތަކެއްކަމަށްވެސް އެމްޓީސީސީން ބުނެފައި ވެއެވެ.
އެމްޓީސީސީން ހާމަ ކޮށްފައިވާ ގޮތުގައި ބަހުގެ ޚިދުމަތް ވިލިމާލެއަށް ފުޅާކުރުމަށް ވާންޖެހޭ އެންމެހާ ތައްޔާރިތަށް އެކުންފުނިން ކުރަމުން ދާކަމުގައެވެ. މިގޮތުން މި ޚިދުމަތް މިމަހުގެ 20 ވަނަ ފެށޭނެކަން ހާމަކުރަމުން އެމްޓީސީސީން ބުނެފައިވަނީ އާރް.ޓީ.އެލް ވިލިމާލެ ބަހުގެ ޚިދުމަތާއި ގުޅޭ ރޫޓް މެޕާއި ޝެޑިއުލްގެ މަޢުލޫމާތު ކުންފުނިން ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރާނެ ކަމުގައެވެ.
އެމްޓީސީސީން ބުނެފައިވަނީ އެ ކުންފުންޏަކީ ރާއްޖޭގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، ކުންފުނީގެ މަޤްޞަދަކީ އެކަށީގެންވާ އަގުގައި ލުއިފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމުގައެވެ.
ކޮމެންޓު ފޮނުވާ