ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ އަންނަމަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން ނިންމަވައިފިއެވެ.
ރައްޔިތުންގެ މަޖިލިހުން މިއަދު ބުނީ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އޮންނާނީ ފެބްރުއަރީ ހަ ވަނަ ދުވަހު ކަމަށެވެ. މި ޖަލްސާ ބާއްވާނެ ތަނެއް އަދި ހާމަ ކޮށްފައެއް ނުވެއެވެ. މީގެ ކުރިން ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާތައް ދަރުބާރު ގޭގައިވެސް ބާއްވާފައި ވެއެވެ.
ރިޔާސީ ބަޔާނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަންޖެހޭ ބަޔާނެކެވެ. ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެކަމަށެވެ.
އެޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުން ނޫން އިތުރު ކަމެއް ނޯންނާނެއެވެ. އަދި މަޖިލީހުގެ ރަސްމީ މަސައްކަތްތައް ފަށަނީ އޭގެފަހުން ބާއްވާ ޖަލްސާތަކުގައެވެ. ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި އޮންނަނީ ކަނޑައަޅާފައެވެ.