މިހާރު ކުރިޔަށްދާ އެމްޑީޕީގެ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީއަށް ކެމްޕޭް ކުރުމަށް ރައީސް ސާލިހު އައްޑޫ ސިޓީއަށް ވަޑައިގަތުމާއެކު، އައްޑޫއިން ރައީސަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
މިއީ މިމަހުގެ 28 ވަނަ ދުވަހު އޮންނަ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ރައީސް ސާލިހަށް އައްޑުއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ރައީސް އެންމެ ފުރަތަމަ ވަޑައިގަތީ އައްޑޫ އަތޮޅު ފޭދޫއަށެވެ. ފޭދޫއިން ގިނަ އަދަދެއްގެ ބަޔަކު ރައީސަށް މަރުހަބާ ދައްނަވާފައިވާއިރު، ރައީސާއެކު ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުންގެ އިތުރުގެ ވަޒީރުންގެ ކެބިނެޓްގެ ބައެއް ބޭފުޅުންވެސް އައްޑޫ ސިޓީއަށް ވަޑައިގެންފައިވެއެވެ.
އިއްޔެ ނޫސްވެރިންނާއި ބައްދަލު ކުރައްވަމުން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެފައިވަނީ ރައީސް ސާލިހު އައްޑުއަށް ވަޑައިގަންނަވަނީ ކެމްޕޭން ދަތުރުފުޅެއްގައި ކަމަށާއި، އެހެންނަމަވެސް މި ދަތުރުފުޅުގައި އައްޑުގައި އޮންނަ ރަސްމީ ބައެއް އިވެންޓުތަކުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމުގައެވެ.
މިގޮތުން ރައީސް ސާލިހުގެ މި ދަތުރުފުޅުގައި ފޭދޫ ސްކޫލްގެ 50 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތު ޝަރަފްވެރިކުރައްވަން ވަނީ ހަމަޖެހިފައެވެ.
އަދި މިދަތުރުފުޅުގައި ފުލުހުންގެ އެކަޑަމީ ނުވަތަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑު ލޯ އެންފޯސްމަންޓުގެ 34ވަނަ ޕޮލިސް އިނިޝިއަލް ޓްރެއިނިން ކޯހުގެ ދަސްވެނިމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެޑައިގަންނަވާނެކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.
ރައީސް ސާލިހު މިއަދު އަައްޑޫ ސިޓީއަށް ވަޑައިގެންފައިވާއިރު އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހައްދުންމައްޗަށެވެ.
ރައީސްގެ އައްޑޫ ދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީމަހުގެ 15ވަނަ ދުވަހުއެވެ.