ޓެކްސީގެ ޚިދުމަތަށް އަލަށް ނުކުންނަ މީހުންނާ އަދި ޓެކްސީި ޚިދުމަތުގައި މަސައްކަތްކުރާ މީހުން އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތަކަށް އިތުރަށް އަހުލުވެރި ކުރުވުމަށް ހިންގާ ތަމްރީން ޕްރޮގްރާމާއި ތާޒާކުރުމުގެ މި އަހަރުގެ ފުރަތަމަ ޕްރޮގްރާމް ފުލުހުންގެ މުވައްސަސާއިން ފަށައިފިއެވެ.
ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަންގެ ފަރާތުން ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމްގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާއި، މަގުމަތީގެ އަދަބުތަކުގެ އިތުރުން ޓެކްސީ ގަވާއިދާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.
އޭގެ އިތުރުން، އެކްސިޑެންޓްތަކާއި މަގުމަތީގައި ދިމާވާ އެކިއެކި މައްސަލަތައް ހައްލުކުރުމުގައި ޓެކްސީ ޑްރައިވަރުންގެ ދައުރާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމާއެކު އެފަދަ ހާލަތުގައި ޑްރައިވަރުންގެ އަމަލުތައް ބަހައްޓަންވީ ގޮތްތަކާ ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާކުރުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ހާމަ ކޮށްފައިވެއެވެ.
ފުލުހުން މައުލޫމާތި ދީފައިވާ ގޮތުގައި، މިއަދުން ފެށިގެން ހަފްތާއެއްގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި، ޓެކްސީ ޚިދުމަތަށް އަލަށް ގުޅޭ 212 މީހުން އަދި މިހާރުވެސް ޓެކްސީ ޚިދުމަތުގައި ތިބި 90 މީހަކު ބައިވެރިވެފައިވެއެވެ.
ޓެކްސީ ޑްރައިވަރުން ތަމްރީން ކުރުމާއި ތާޒާކުރުމުގެ ޕްރޮގްރާމަކީ ކޮންމެ އަހަރަކުވެސް ހަތަރު ބުރަކަށް ބަހާލައިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ޓެކްސީ ޑްރައިވަރުން ޓެކްސީކުރުމުގެ ލައިސަންސަށް އެދޭއިރު ފުރިހަމަ ކުރުމަށް ގަވާއިދުގައި ލާޒިމުކުރާ ތަމްރީނެކެވެ.
ކޮމެންޓު ފޮނުވާ