ހދ.ހަނިމާދޫ އިންޓަރނޭޝަންލ އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިމަހުގެ މެދުތެރޭގައި ފަށަން ތައްޔާރުވެއްޖެއެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ މިމަހުގެ މެދުތެރޭގައި އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު އިންޑިއާގެ ޖޭ.އެމް.ސީ ޕްރޮޖެކްޓްސްއާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 25ގައެވެ. އެނގިފައިވާގޮތުން މި މަޝްރޫޢު ފެށުމަށް ރައީސުލްޖުމްހޫރިއްޔާވެސް ހަނިމާދޫއަށް ވަޑައިގަންނަވާނެއެވެ.
ހަނިމާދޫ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓަރމިނަލެއް ޢިމާރާތްކުރެވޭނެއެވެ. އަދި ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް ޤާއިމުކުރެވިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައެވެ.
މިމަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް A320 އާއި ބޮއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއަރޕޯޓުން ޚިދުމަތް ދެވޭނެއެވެ. އަދި މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ޤައުމުތަކުން ސިދާ ފްލައިޓްތައް ހަނިމާދޫއަށް އޮޕަރޭޓް ކުރުމުގެ ޤާބިލުކަން ލިބިގެންދާނެ ކަމަށްވެސް އެމިނިސްޓްރީން ހާމަކުރައްވައެވެ.
ރާއްޖޭގެ އިޤްތިޞާދުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ ސިނާޢަތަކީ ފަތުރުވެރިކަމުގެ ސިނާޢަތެވެ. މިއާއެކު ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާޢަތް ކުރިނާރާ ސަރަޙައްދުތަކަށް އެ ސިނާޢަތް ފުޅާކުރުމަކީ ސަރުކާރުގެ ވަރަށް މުހިއްމު އަމާޒެކެވެ. އެގޮތުން ހަނިމާދޫ އެއަރޕޯޓް ތަރައްޤީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިޔަށް ގެންދާ މަޝްރޫޢެކެވެ.
ހަނިމާދޫ އެއަރޕޯޓަކީ ރާއްޖޭގައި އެންމެ ދުވަސްވީ އެއް އެއަރޕޯޓެވެ. 2012 ވަނަ އަހަރު އިންޓަރނޭޝަނަލް ފެންވަރަށް އެއަރޕޯޓް އަޕްގްރޭޑް ކުރިނަމަވެސް މިއަދާ ހަމައަށް އެއަރޕޯޓުން ފޯރުކޮށްދޭ ޙިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެކަށީގެންވާ މަސައްކަތެއް ކުރެވިފައެއްނުވެއެވެ. އުތުރުގެ އަތޮޅުތަކަށް ފަތުރުވެރިކަން ފުޅާކުރުމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީވެސް ހަނިމާދޫ އެއަރޕޯޓު ޒަމާނާ އެއްވަރަށް ތަރައްޤީވެފައި ނެތުންކަން އުތުރުގެ ރައްޔިތުން ބުނެއެވެ.