ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު އަޅުގަނޑުމެންގެ އިޤްތިޞާދު އަމާން ބަނދަރަކަށް ގެނެސްދެއްވާފައި މިވަނީ ހީވެސް ނުކުރާފަދަ ދަތި އުނދަގޫ ޙާލަތެއްގެ ތެރެއިންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ މިހާރު ދުނިޔޭގެ އިޤްތިޞާދީ ޙަރަކާތްތައް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައިކަމަށެވެ. ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައާއި ކޮރޯނާ ވައިރަހުގެ ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދު މިއިން ޒަމާނަކު ހީނަރު ނުވާ މިންވަރަށް ހީނަރުވެފައިވާ ދަނޑިވަޅެއްގައި ބައެއް ޤައުމުތަކަށް ކުރިމަތީ ދަތި ޙާލަތު ކުރިމަގތި ނުވެ ރާއްޖެ ސަލާމަތްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ޙިކުމަތްތެރި މަސައްކަތްޕުޅުންކަމަށް މަވޯޓާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އަދިވެސް ދުނިޔޭގެ ޙާލަތު އޮތީ މާ ރަނގަޅު ފައްތަރެއްގައި ނޫންކަމަށެވެ. އެހެންކަމުން ރާއްޖޭގެ ހަމަޖެހުމާއި ރައްޔިތުންގެ ލާބަޔަށްޓަކައި ރައީސް ޞާލިޙް ދެވަނަ ދައުރަކަށް އިންތިޚާބުކުރަން ޖެހޭކަމަށެވެ.
ރާއްޖޭގެ ބާޒާރުގެ ޙާލަތަށް ބައްލަވާލައްވަމުން މަވޯޓާ ވިދާޅުވީ، ކަންމަތީ ފިހާރަތަކާއި ކުދި ވިޔަފާރިތަކުން ޖީއެސްޓީ ދައްކާކަށް ނުޖެހޭނެކަމަށެވެ. އަދި ހަގީގަތުގައި ޖީއެސްޓީއަކީ ގިނަ ކޮންސިއުމަރ މުދަލުން ނަގާ ކަސްޓަމްސް ޑިއުޓީ އުވާލުމަށްފަހު ތައާރަފްކުރިއެއްޗެއްކަމުން ވިޔަފާރިތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަވާނެކަމަށް ވިދާޅުވިއެވެ. ޖީއެސްޓީގެ ސަބަބުން ކަސްޓަމްސް ޑިއުޓީ އުވި ކޮންސިއުމަރ މުދަލުގެ ލޮޖިސްޓިކް ޚަރަދު ކުޑަވެފައިވާކަމަށްވެސް މަވޯޓާ ވިދާޅުވިއެވެ.
މިހާރު ކުރިއަށްދާ އެމްޑީޕީގެ ވާދަވެރި ރިޔާސީ ޕްރައިމެރީގެ ކެމްޕެއިންއަށް އިޝާރާތްކުރައްވައި މަވޯޓާ ވިދާޅުވީ، އެމްޑީޕީގެ ފިކުރު އެ ޕާޓީގެ އަސާސީ ޤަވާޢިދުގައި ވަރަށް ސާފުކޮށް ލިޔެފައިވާނެކަމަށެވެ. އެފިކުރުގައި ޕޮޕިއުލިސްޓް ރެޑިކަލިޒަމަށް ޖާގައެއް ނެތްކަމަށާ، ޕޮޕިއުލިސްޓް ރެޑިކަލިޒަމަކީ އެމްޑީޕީ ފިކުރެއް ނޫންކަމަށް ވިދާޅުވިއެވެ. އެމްޑީޕީގެ ފިކުރަކީ ޕާޓީގެ ކޮންމެ މަގާމެއްގައި ހުރި ނަމަވެސް އެންމެ ބޭފުޅަކު ފާޅުކުރާ ޕޮޕިއުލިސްޓް ވާހަކަތަކެއް ނޫންކަމަށް މަވޯޓާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ