ވ. އާރަށް ކުއްޔަށް ދިނުމުގައި ކުރީގެ ރައީސް ޔާމިން ރިޝްވަތު ގަބޫލުކޮށް އަދި މަނީ ލޯންޑަރ ކުރުމުގެ ތުހުމަތުގައި ކުރިޔަށްދިޔަ ޝަރިއަތުގައި ޔާމިންއާއި އެއްކޮޅަށް ދޮގު ދިންކަމުގެ ތުހުމަތުގައި، މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަޝީދު ފުލުހަށް ހާޒިރު ކޮށްފިއެވެ.
ނަރީޝް ޕޮލިހަށް ހާޒިރު ކޮށްފައިވަނީ ވ. އާރަށް މައްސަލާގައި، ކުރީގެ ރައީސް ޔާމީން ހިންގީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށް ބުނެ އެމަނިކުފާނުގެ ދިފާއުގައި ކޯޓުގައި ހެކިބަސް ދީފައިވަނީ ދޮގު ހެކި އުފައްދައިގެން ކަމަށް ކުރެވޭ ތުހުމަތުތައް ތަހުގީގު ކުރުމަށެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ކުރީގެ ރައީސް ޔާމިން ރިޝްވަތު ގަބޫލުކޮށް އަދި މަނީ ލޯންޑަރ ކުރުމުގެ ކުށް ސާބިތުވެ ކުރިމިނަލް ކޯޓުންވަނީ ޔާމިން 11 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައެވެ.
ފުލުހުން ނަރީޝްގެ މައްސަލަ ތަހުގީގު ކުރާން ފަށާފައިވަނީ، ޔާމިންގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި ހުކުމުގައި، ޝަރީއަތުގައި ޔާމިންގެ ދިފާޢުގައި ނަރީޝް ދޮގު ހެކިބަސް ދީފައިވާކަމަށް ބުނުމާއި ގުޅިގެންނެވެ.
ކްރިމިނަލް ކޯޓުގައި މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ހެކިބަސް ދެއްވި އިރު "ހެކިވެރިޔާ ހެކިބަސް ދީފައިވަނީ ނުހިނގާ ކަމެއް ހިނގި ކަމަށް ބުނެ ވަކި ގޮތަކަށް ހެކިބަސް ދިނުމަށް ތައްޔާރުވެގެން" ކަމަށް ޝަރީއަތުގެ ރިޕޯޓުގައި ބަޔާން ކޮށްފައިވެއެވެ.
ޝަރީއަތުގެ މަޖިލިހުގައި ނަރީޝް ބުނެފައިވަނީ އެއް މިލިއަން ޑޮލަރަށްވާ 15 މިލިއަން ދިވެހި ރުފިޔާ ޔާމީންގެ އެދުމުގެ މަތިން އެ މަނިކުފާނުގެ ގެކޮޅުގައި އަތުން ގުނުމަށްފަހު ކާރެއްގައި ގެންގޮސް ޔޫސުފް ނައީމާ ހަވާލުކުރި ކަމަށެވެ.
ނަރީޝް ޝަރީޢަތަށް ދޮގު ހެކިބަސް ދީފައިވާކަމަށް ކުރެވޭ ތުހުމަތާއި ގުޅިގެން އެ މައްސަލަ ބަލަމުން އަންނަކަމަށް، ޔާމިންގެ ޝަރީއަތަށްފަހު ފުލުހުން ބުނެފައި ވެއެވެ. އަދި އޭރު ފުލުހުން ބުނެފައިވަނީ ޝަރީޢަތް ނިމިގޮތުގެ ރިޕޯޓް ދިރާސާކުރަމުން އަންނަކަމަށެވެ.
ޔާމިންގެ ހުކުމަށްފަހު ކްރިމިނަލް ކޯޓުން އާންމުކުރި ހުކުމުގައިވަނީ ޔާމީންގެ ފަރާތުން ހެކިބަސް ދިން އެ ހެކިންނަކީ ޖިނާއީ އަދުލުގެ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ހުށަހަޅާފައިވާ ހެކިން ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ ހެކިން ދެއްކި ވާހަކަތަކަށް ބަލާއިރު އޮޅުވާލުމުގެ އިތުރުން ކަނޑައެޅިގެން ދޮގު މައުލޫމާތު ކޯޓަށް ދީފައިވާ ކަމަށާއި ހެކިންގެ ހެކިބަހުގައި ހުރި ފުށުއެރުންތަކާއި ދެކޮޅު ނުޖެހޭ ވާހަކަތަކުން އެކަން ހާމަވެފައިވާ ކަމަށް ހުކުމުގައިވެއެވެ.
ހެކިންގެ ހެކިބަހުގައި ހުރި ފުށުއެރުންތަކާއި ހަމަނުޖެހޭ ކަންކަން ވެސް 105 ސޮފްހާގެ އެ ހުކުމުގައި ފާހަގަ ކޮށްފައިވެއެވެ. އެގޮތުން 15 މިލިއަން ރުފިޔާ ޔޫސުފް ނައީމާ ހަވާލުކުރި ދުވަހެއް ބުނެ ނުދެވޭއިރު، އެއީ ދުވާލު ކަމެއް ނުވަތަ ރޭގަނޑު ކަމެއް ވެސް ހެކިންނަށް ބުނެ ނުދެވޭ ކަމަށާއި އެކަމަކު އެދުވަހު ހިނގި އެހެން ކަންކަމުގެ ވަރަށް ކުދިކުދި ތަފްސީލުތައް ހެކިން ބުނެފައިވުމަކީ ހައިރާންވާން ޖެހޭ ފަދަ ކަމެއް ކަމަށް ހުކުމުގައިވެއެވެ.
ނަރީޝްއާ އެކު އެދުވަހު އެގެއަށް ދިޔަ ދެވަނަ މީހާގެ ހެކިބަހުގައި ހުރި ފުށުއެރުންތައް ހުކުމުގައި ފާހަގަ ކޮށްފައިވެއެވެ. އެގޮތުން ދޫވެހީގައި ފައިސާ ގުނިއިރު ހުރީ ކޮޅަށް ކަމެއް ނުވަތަ ތިބީ އިށީނދެގެންކަން އޭނާއަށް ބުނެ ނުދެވޭއިރު، ޔޫސުފް ނައީމްގެ ގެއަށް ވަނީ ކިހިނެއްކަން ވެސް ބުނެ ނުދެވޭ ކަމަށް ހުކުމުގައިވެއެވެ. މީގެ އިތުރުން 15 މިލިއަން ރުފިޔާ ގެންގޮސް ޔޫސުފް ނައީމާ ހަވާލު ކުރުމުން ފައިސާ ހަމަތޯ ގުނުމެއް ނެތި ޔޫސުފް ނައީމް ލިޔުމެއްގައި ސޮއިކުރި ކަމަށް ނަރީޝް އާއި ދެވަނަ މީހާގެ ހެކިބަހުގައި ބުންޏަސް، އެއީ ސަބަބުވެރި އިންސާނަކު ކުރާނެ ކަމެއް ނޫން ކަމަށް ހުކުމުގައިވެއެވެ.
ޔާމީންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ނިންމިއިރު، ޕީޕީއެމް އިން ވަނީ 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރައްވާނޭ ކެންޑިޑޭޓަކީ ޔާމީން ކަމުގައި ކަނޑައަޅައި، ރިޔާސީ އިންތިހާބުގެ ޓިކެޓް ހަވާލުކޮށްފައެވެ. އެހެންނަމަވެސް ޖިނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހުގެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުން ގެންދާ މިހަކަށް ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ކުރިމަތިނުލެވޭނޭކަމަށް ގާނޫނު އަސާސީގައި އޮންނާތީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދައެއް ނުކުރެއްވޭނެއެވެ.
ކޮމެންޓު ފޮނުވާ