އިސްލާމްދީނަކީ އެންމެ ފުރިހަމަ ދީނެވެ. މިދީނަކީ ﷲ ތަޢާލާ އަޅުތަކުންގެ ހެވާލާބަޔަށްޓަކައި ބާވައިލެއްވި ދީނެކެވެ. އަޅުތަކުން އެކަލާނގެއަށް އަޅުކަންކުރުމުގައި ކަންތައްތައް ކުރަންވީ ހުރިހާ ގޮތްތަކެއް އެކަލާނގެ ވަނީ ބާވައިލައްވާފައެވެ. އަދި ހަމައެހެންމެ މިދުނިޔެމަތީގައި ހެޔޮގޮތުގައި ދިރިއުޅުމަށްޓަކައި، ކުރާ ކޮންމެ ޢަމަލަކީވެސް އަޅުކަމެއްކަމުގައި އެކަލާނގެ ލައްވާފައިވެއެވެ.
ބައްލަވާށެވެ! އެކަލާނގެ އޯގާވަންތަކަމާއި ރަޙުމަތުގެ ބޮޑުކަމާއި މެދު އަޖާއިބު ނުވޭތޯއެވެ!
ދީނުގެ ޙުކުމްތަކަށް ނަޒަރުހިންގާލާއިރު އިންސާނުންނަށް ފައިދާހުރި ކޮންމެ ކަމެއް އެކަލާނގެ ވަނީ ޙަލާލުކުރައްވައި ހުއްދަ ކުރައްވާފައެވެ. އަދި މަދު ކަމެއްނޫނީ މިގޮތުގައި މިކަން އެބައޮތެވެ. އަދި އިންސާނުންނަށް ގެއްލުންވާނެ ހުރިހާ ކަމެއް ވަނީ އަޅުތަކުންނަށް މަނާވެސް ކުރައްވާފައެވެ. އޭގެ ތެރެއިންވެސް ބޮޑެތި ގެއްލުން ވާނެ އެންމެހާ ކަންކަމުގެ ޙަރާމްކަން އިތުރަށް ވަރުގަދަކުރައްވާފައިވެސް ވެއެވެ. މީގެ ތެރޭގައި އަޅުތަކުންގެ މެދުގައި އޮންނަންޖެހޭ ޢަދުލު އިންސާފާއި ހަމަޖެހުމަށް ބުރޫއަރާ ހުރިހާ ކަމެއް ﷲ ވަނީ ބޮޑެތި ފާފައިގެ ތެރޭގައި ލައްވާފައެވެ.
މިގޮތުން ދޮގުހެކި ދިނުމާއި ދޮގުމަށްޗަށް ބިނާކޮށް މީހުންނަށް ގެއްލުން ދީހެދުމަކީ ދީނުގެ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ފަހެ ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅެއްގައި އައިސްފައި ވެއެވެ.
أَلاَ أُنَبِّئُكُمْ بِأَكْبَرِ الْكَبَائِرِ؟" ثَلاَثًا، قُلْنَا: بَلَى يَا رَسُولَ اللَّهِ: قَالَ: "الإِشْرَاكُ بِاللَّهِ، وَعُقُوقُ الْوَالِدَيْنِ". وَكَانَ مُتَّكِئًا فَجَلَسَ، فَقَالَ: "أَلاَ وَقَوْلُ الزُّورِ، وَشَهَادَةُ الزُّورِ". فَمَا زَالَ يُكَرِّرُهَا حَتَّى قُلْنَا: لَيْتَهُ سَكَت". [رواه البخاري ومسلم]
މާނައީ: "ރަސޫލު اللَّهِ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "އެންމެބޮޑެތި ފާފަތަކަކީ ކޮބައިކަން ތިޔަބައިމީހުންނަށް ވިދާޅުވެދެއްވަން ހެއްޔެވެ؟" މިފަދައިން ތިން ފަހަރު ޙަދީޘްކުރެއްވިއެވެ. ތިމަންމެން އަޞްޙާބުން ދެންނެވީމުއެވެ. ވިދާޅުވެދެއްވާށެވެ. އޭاللَّهُގެ ރަސޫލާއެވެ.
ޙަދީޘްކުރެއްވިއެވެ. {(އެއީ) اللَّهُއަށް ޝަރީކުކުރުމެވެ. އަދި މައިންބަފައިންނަށް ނުކިޔަމަންތެރިވުމެވެ.} މިހެން ޙަދީޘްކުރެއްވި އިރު، އެކަލޭގެފާނު އިންނެވީ، (ތަނެއްގައި) ލެނގިވަޑައިގެންނެވެ. ފަހެ، އެކަލޭގެފާނު ރަނގަޅަށް ހަމަޖެހިވަޑައިގެން އިށީނދެވަޑައިގަތުމަށްފަހު ޙަދީޘްކުރެއްވިއެވެ. {ދަންނާށެވެ. އަދި ދޮގު ބުހުތާން ވާހަކަދެއްކުމެވެ. އަދި ދޮގުހެކިދިނުމެވެ.} ފަހެ، އެކަލޭގެފާނު މި ބަސްފުޅު ހުއްޓަވައި ނުލައްވައި ތަކުރާރު ކުރައްވަމުން ގެންދެވިއެވެ. އެއީ (އެކަމުގެ ސަބަބުން އެކަލޭގެފާނަށް އުނދަގޫފުޅެއް ވެދާނެކަމަށްޓަކައި) ދެން ހުއްޓަވައިލައްވާނެނަމަ ކޮންފަދައެއްހޭ ތިމަންމެން ހިތައިފުމަށް ދާނދެނެވެ.
މިކަމުގެ ނުރައްކާތެރި ކަމުގެ ބޮޑުކަމާހުރެ ނަބިއްޔާ صلى الله عليه وسلم އެކަން ހިމަނުއްވާފައިވަނީ ޝިރުކު ކުރުމާއި މައިންބަފައިންނަށް ނުކިޔަމަންތެރިވުމާ އެކުއެކީއެވެ.
އެހެނީ ދޮގުހެކި ދިނުމަކީ މީސްތަކުންނަށް އަނިޔާވެރިވުމަށް މަގުފަހިކުރުވާ އަދި މީސްތަކުންގެ ހައްޓާއި މުދަލުގެ ޙައްޤުތައް ގެއްލިގެންދާ ކަމެކެވެ. އަދި މިފަދަ ޖަރީމާ ހިންގާ ފަރާތްތަކަކީ އެބައިމީހުންގެ އީމާންކަމުގެ ބަލިކަށިވެފައިވާ ބައެކެވެ. ރަޙްމާންވަންތަ އިލާހާމެދު ބިރެއްނެތް ބައެކެވެ.
ފަހެ އަޅުތަކުން ﷲ އަށް ބިރުވެތިވާހުށި ކަމެވެ. ދޮގުހެކި ދިނުން ފާޅުވުމީ ޤިޔާމަތުގެ ޢަލާމާތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަންނަނިވި ޙަދީޘަށް ބަލާލަމާ ހިންގަވާށެވެ! ޢަބްދުﷲ ބުން މަސްޢޫދު رضي الله عنه ގެ އަރިހުން، އައިސްފައިވާ ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘެއްގައި ވެއެވެ.
(إِنَّ بَيْنَ يَدَيِ السَّاعَةِ:… شَهَادَة الزُّورِ، وَكِتْمَان شَهَادَة الْحق) رواه أحمد
މާނައީ: "ހަމަކަށަވަރުން ޤިޔާމަތާ ކައިރީގައި… ދޮގުހެކި ދިނުމާއި ތެދުހެކި ފޮރުވުން ވެއެވެ." މިޒަމާނުގައި ދޮގުހެކި ދިނުން ގިނަ ކަމާއެވެ. މިފަދަ ފަރާތްތައް ﷲ އަށް ބިރުވެތިވުމަށް ވަޞިއްޔަތްކުރަމެވެ.