ނާޒިމްގެ ކެމްޕެއިންގައި އުޅުއްވުމަށް، ސްޓޭޓް މިނިސްޓަރުކަމުން ރިޔާޒް އިސްތިއުފާ ދެއްވައިފި

ނާޒިމްގެ ކެމްޕެއިންގައި އުޅުއްވުމަށް، ސްޓޭޓް މިނިސްޓަރުކަމުން ރިޔާޒް އިސްތިއުފާ ދެއްވައިފި

Author
މުޙައްމަދު ޖިމީ
09 ޖެނުއަރީ 2023 04:33
0

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ރިޔާޒް، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެނޑިޑޭޓަށް ކެމްޕެެއިއިންކޮށްދެއްވުމަށް، މަޤާމުން އިސްތިއުފާދެއްވައިފިއެވެ.

އަޙްމަދު ރިޔާޒަކީ އެމްއެންޕީގެ ނާއިބު ރައީސް އަދި ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒްގެ އާއިލާ ބޭފުޅެކެވެ. އަޙްމަދު ރިޔާޒް މިސަރުކާރުގައި ފުރަތަމަ ހުންނެވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ. ޖިންސީ ފުރައްސާރައިގެ ތުހުމަތުކުރެވޭ މައްސަލައިގައި މެއި 29، 2022 އިން ފެށިގެން ސަސްޕެންޝަނުގައި ހުންނެވި ރިޔާޒު ޓްރާންސްޕޯޓުގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 25ގައެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި ރިޔާޒް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އެޑްރެސްކުރައްވާ ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވަނީ 2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓް ކާނަލް މުޙައްމަދު ނާޒިމްގެ ކެމްޕެއިންގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަތުމަށް އަދި ކެމްޕެއިނަށް ވަގުތު ދިނުމުގެ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީންގެ ސްޓޭޓް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވާފައިވާކަމަށެވެ.

އަޙްމަދު ރިޔާޒް ވަނީ 2018އިން ފެށިގެން މިސަރުކާރުގައި ރައްޔިތުންނަށް ޚިދުމަތްކުރައްވާ ފުރުޞަތު ދެއްވިކަމަށްޓަކައި ރައީސް ޞާލިޙަށް ޝުކުރު އަދާކުރައްވާފައެވެ.

މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ކާނަލް ނާޒިމް ހާމަކުރައްވާފައިވާއިރު، އެޕާޓިން ޕްރައިމަރީއަށް ހުޅުވާލި ފުރުޞަތުގައި ނާޒިމް ފިޔަވައި އިތުރު ފަރާތެއް ފޯމް ހުށައަޅުއްވާފައެއް ނުވެއެވެ.

ނާޒިމް ގެންދަވަނީ ރިޔާސީ އިންތިޚާބަށް ފޯރީގައި ކެމްޕެއިން ކުރައްވަމުންނެވެ. އަދި އެޕާޓީން ގެންގުޅުއްވާނެ ސިޔާސަތުތައް ދަނީ ހާމަކުރައްވަމުންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.