ގދ. ފިޔޯރީ ސްކޫލުގައި އަލިފާން ރޯވެ އަދަމުން އެބަދެއެވެ.
ސްކޫލުގައި އަލިފާން ރޯވާން މެދުވެރިވީ ސަބަބެއް އަދި ސާފުވެފައި ނުވިނަމަވެސް، އެމްއެންޑީއެފްއިން މައުލޫމުމާތު ދީފައިވާ ގޮތުގައި، ފިޔާރީގައި އަލިފާނުގެ ހާދިސާއެއް ހިނގުމާއި ގުޅިގެން ގދ. އަތޮޅުގެ ފަރަޔ އެންޑް ރެސްކިއުއިން އެރަށް ދިއުމަށް މިހާރު ތައްޔާރު ވަމުންދާ ކަމުގައެވެ.
މިހާރު ސޯޝަލް މީޑިއާގައި އާންމުވެފައިވާ ބައެއް ވީޑިއޯތަކުންނާއި އަދު ފޮޓޯތަކުން ފެންނަ ގޮތުގައި މި ސްކޫލުގެ ބޮޑު ބައެއްގައި ރޯވެ އަނދަމުންދާއިރު، އަލިފާންގަޑު ދަނީ ކޮންޓްރޯލް ނުވެ ފެތުރެމުންނެވެ.

ފިޔޯރީގެ ބައެއް ފަރާތްތަކުން މައުލޫމާތު ދީފައިވާ ގޮތުގައި، ސްކޫލުގައި އެންމެ ފުރަތަމަ ދުން އަރާން ފަށާފައިވަނީ ސްކޫލުގެ ހޯލުންނެވެ. އެއަށްފަހު ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އަލިފާންގަޑުވަނީ ސްކޫލްގެ ބޮޑު ބަޔަކަށް ފެތުރިގެންފައެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ. އިމާރާތުގައި ރޯވުމާއެކު ފުލުހުންނާއި އާންމުންވެގެން ވަނީ އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ.
ފުލުހުންގެ ފަރާތުން މައުލުމާތު ދީފައިވާ ގޮތުގައި، ރޯވެ އަދަމުންދަނީ ފިޔޯރީ ސްކޫލުގެ ބާ އިމާރާތުގައެވެ. އެހެންނަމަވެސް މިއީވެސް މިހާރުވެސް ސްކޫލުގެ ބައެއް ގްރޭޑްތަކަށް ކިޔަވައިދިނުމަށް ބޭނުންކުރަމުންދާ އިމާރެއްކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
ފިޔޯރީ ސްކުލުގައި 180 ދަރިވަރުން ތައުލީމު ހާސިލް ކުރަމުންދާއިރު، އެޑިއުކޭޝަން މިނިސްޓްރީން ހާމަ ކޮށްފައިވާ ގޮތުގައި އަލިފާން ރޯވި އިމާރާތަކީ 5 ކްލާސްރޫމް ހުންނަ އިމާރާތެކެވެ. އަދި އޭގެތެރެއިން 3 ކްލާސް ރުމަކީ މިހާރުވެސް ކިޔަވައިދިނުމަށް ބޭނުން ކުރަމުންދާ ކްލާސް ރޫމްތަކެވެ.
އަލިފާން ރޯވި އިމާރާތުގައި ހުންނަ ހޯލަކީވެސް ބައެއް އިވެންޓްރަކަށްވެސް މިހާރުވެސް ބޭނުން ކުރާ ތަނެއްކަމަށްވެސް ސްކޫލުގެ ބައެއް ފަރާތްތަކުންވަނީ މައުލޫމާތު ދީފައެވެ.
އަލިފާން ރޯވި އިމާރާތް ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ވިނަމަވެސް، ސްކޫލާއި ގުޅިގެން ދަރިވަރުންގެ ކިޔެވުން މެދު ކަނޑާލަން ނުޖެހި ކުރިޔަށް ގެންދެވޭނެ އިންތިޒާމް ހަމަޖައްސަމުން ދާކަމުގައިވެސް މިނިސްޓްރީން ބުނެފައި ވެއެވެ.