އައު ސަފީރު ޔޫއޭއީގެ ނާއިބު ރައީސްއަށް ފަތްކޮޅު ހަވާލުކުރައްވައިފި

އައު ސަފީރު ޔޫއޭއީގެ ނާއިބު ރައީސްއަށް ފަތްކޮޅު ހަވާލުކުރައްވައިފި

Author
މުޙައްމަދު ޖިމީ
24 ނޮވެމްބަރ 2020 09:01
0

ދިވެހި ރާއްޖެއިން، ޔުނައީޓެޑް ޢަރަބް އެމިރޭޓްސް (ޔޫއޭއީ)އަށް ކަނޑައެޅުއްވި އައު ސަފީރު އައިމިނަތު ޝަބީނާ، ސަފީރުކަމުގެ ފަތްކޮޅު ޔޫއޭއީގެ ނާއިބު ރައީސް، އަދި ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމަށް އަރުވައިފިއެވެ.

ޝަބީނާގެ ފަތްކޮޅު ޔޫއޭއީގެ ނާއިބު ރައީސްއާއި ހަވާލުކުރުން އޮތީ އަބޫދާބީގެ ގަސްރު އަލް ވަޠަން ގަނޑުވަރުގައެވެ. ފަތްކޮޅު ހަވާލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫއޭއީގެ ނާއިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ އައު ސަފީރަށް މަރުޙަބާ ދަންނަވާ، ދެޤައުމުގެ ގުޅުން ހަރުދަނާކޮށް އެއްބާރުލުން ދިނުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

ޝަބީނާ ސަފީރުކަމުގެ ފަތްކޮޅު ހަވާލުކުރެއްވުމާއި ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައިވަނީ އެކަމަނާގެ ޚާރިޖީ ދާއިޜާގެ ތަޖުރިބާއާއެކު ދެޤައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވޭނެކަމާމެދު ޔަޤީންކުރައްވާކަމަށެވެ.

ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅާ ސަފީރުކަމަށް ޝަބީނާ އައްޔަންކުރައްވާފައިވަނީ ސެޕްތެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. ޔޫއޭއީގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަޤާމަށް ކަނޑައެޅުއްވާފައިވާ އާމިނަތު ޝަބީނާ އެންމެ ފަހުން ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީގެ މަޤާމުގައެވެ. އަދި، އެކަމަނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ފޮރިން މިނިސްޓްރީގެ އެކި މާޤާމުތަކުގައި މަސައްކަތްކުރައްވާފައެވެ. އާމިނަތު ޝަބީނާ އަކީ މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ޙާޞިލުކުރައްވާފައިވާ ބޭކަނބަލެކެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.