ދިވެހިރާއްޖޭގެ ކަރަންޓު ގްރިޑާއި އިންޑިއާގެ ކަރަންޓު ގުރިޑު ގުޅުވައިލުމާ ބެހޭ ދިރާސާއެއް ހެދިކަމަށް ދެކެވޭ ވާހަތައް ސަރުކާރުން ދޮގުކޮށްފިއެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކަރަންޓު އުފައްދާ ބޭނުން ކުރުމާގުޅޭ އައު ޓެކްނޯލޮޖީއާއި އެފިޝަންޓުކޮށް ކަރަންޓު އުފައްދާ ބޭނުންކުރާ ގޮތްތަކާ ބެހޭގޮތުން ދުނިޔޭގެ އެކިއެކި ޤައުމުތަކުންނާއި، ކުންފުނިތަކުން އަބަދުވެސް ހޯދުންތައް ހޯދައި އެކަންކަން ތަންފީޒުކުރުމަށް ހުށަހެޅުންތައް ހުށަހަޅަމުންދާކަމަށެވެ.
އެގޮތުން މިފަދަ ކަންކަމާ ގުޅިގެން އެކިފަރާތްތަކުން އަބަދުވެސް ރާއްޖެއަށް އެކި ހުށަހެޅުންތައް ހުށަހަޅަމުންދާކަން މިނިސްޓްރީން ފާހަގަކުރެއްވިއެވެ. ނަމަވެސް، ބަޔެއް މީޑިއާތަކުގައި ޝާއިޢުކޮށްފައިވާ "ދިވެހިރާއްޖެއާއި އިންޑިއާގެ ކަރަންޓު ގްރިޑު ގުޅާލުމާ ބެހޭ" ޚަބަރުތަކުގައި ބުނާފަދަ ދިރާސާއެއް އަދި އެފަދަ ކަމެއްކުރުމަށް "މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ" އެއްގައިވެސް ދިވެހިރާއްޖޭގެ ފަރާތުން އަދި މިހާތަނަށް ސޮއިކޮށްފައި ނުވާނެކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވިއެވެ.
ރާއްޖެއިން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ކަރަންޓު އުފައްދާ ފޯރުކޮށްދިނުމުގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމަށް ރާއްޖެއިން ލިބެންހުރި އިއާދަކުރަނިވި ހަކަތައިގެ ވަޞީލަތްތައް ބޭނުންކުރުމަށް ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ކުރިއަށް އޮތްތާގައިވެސް ދިވެހިރާއްޖެއިން މަސައްކަތްކުރަމުން ދާނީ މިގޮތަށްކަމުގެ ޔަޤީންކަން މިނިސްޓްރީން ވަނީ އަރުވާފައެވެ.
އެމިނިސްޓްރީން މިކަން ދޮގުކޮށްފައި މިވަނީ ރާއްޖެއާއި އިންޑިއާގެ ކަރަންޓު ގްރިޑު ގުޅާލުމާބެހޭ ދިރާސާތަކެއް ކުރިކަމަށް އިންޑިއާގެ ބައެއް ނޫސްތަކާ ހަވާލާދީ ރާއްޖޭގެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
One Response
ހަންމަ ތިޔާއެކު އިންދިޔާއި ރޭ ކުރާނެ ކުދިންވެސް ގެންނަން ފެނޭ އަޅަމްގިރި ކަހަލަ