ސިނަމާލެ ބްރިޖު ގުޅިފައިވާ ހައިވޭ މަތިން ކާރެއް ފުރޮޅާލައި އެކްސިޑެންޓެއް ހިނގައިފިއެވެ.
ކާރު ފުރޮޅާލާފައިވަނީ ބްރިޖާއި އެއާޕޯޓާއި ގުޅޭ ސަރަހައްދުގައެވެ. އެކްސިޑެންޓް ހިނގި ވަގުތު ކާރުގައި ދިވެހި ދެ ފިރިހެނުން ތިއްބެވެ. އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަަމަށް ފުލުހުން ބުނެއެވެ. ފުލުހުން މިހާރު އަންނަނީ އެކްސިޑެންޓް ހިނގި ސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ.
އެ ސަރަހައްދުގައި ފުރޮޅާލާފައި އޮތް ކާރު ނެގުމުގެ މަސައްކަތް ކުރަމުންދިޔައިރު، ކާރު ފުރޮޅާލާފައިވަނީ މަގު މެދަށް ކަމުން ބްރިޖުގެ އެއްލޭން އެއްކޮށް މިވަގުތު އޮތީ ދުއްވާ އެއްޗެހީގެ ކިއޫގައި ޖެހި ތޮއްޖެހިފައެވެ. އޭގެތެރޭގައި ބަސްތަކާއި ކާރު އަދި ސައިކަލު ހިމެނެއެވެ.
ބްރިޖުމަތިން ދުއްވާފައި ދިޔަ ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މިދިޔަ ޑިސެމްބަރު 16 ވަނަ ދުވަހު ވަނީ 54 އަހަރުގެ މީހަކު މަރުވެފައެވެ. ކާރެއް ފުރޮޅާލައިގެން މިފަހުން ހިނގި އެންމެ ހިތާމަވެރި ހާދިސާއެއް ހިނގާފައިވަނީ، ޖުލައި މަސްތެރެއެވެ. އެއީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ އެ ކާރު ގޮސް ބަހެއްގައި ޖެހިގެންނެވެ.