އާރުޑީސީގެ އެމްޑީ މޫސާ އަލި މަނިކު

ރައީސް ޞާލިހު މެމްބަރުން ލަދުގަންނަ ޒާތުގެ ބޭކާރު އަނގައެއް ނުތަޅާނެ: މޫކޭ

ރައީސް ޞާލިހު މެމްބަރުން ލަދުގަންނަ ޒާތުގެ ބޭކާރު އަނގައެއް ނުތަޅާނެ: މޫކޭ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަކީ އެމްޑީޕީ މެމްބަރުން ލަދު ގަންނަ ޒާތުގެ ބޭކާރު އަނގަތަޅާ ބޭފުޅެއް ނޫންކަމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައިވަނީ ރައީސް މުހައްމަދު ނަޝީދު ކެމްޕެއިންގައި ދައްކަވަމުންދާ ވަހަތަކަށް އިޝާރާތް ކޮށްކަމަށް ބެލެއެވެ. އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިން ފޯރިގަދަ ވެފައިވާއިރު ރައީސް ނަޝީދު ގެންދަވަނީ ރައީސް ޞާލިހަށާއި، ސަރުކާރަށް އަމާޒުކޮށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވަމުންނެވެ.

ރައީސް ނަޝީދުގެ ވާހަކަތަކަށް އިޝާރާތް ކުރައްވާ މޫކޭ ވިދާޅުވީ ރައީސް ޞާލިހަކީ އެމްޑީޕީގެ މެމްބަރުން ފަހުރުވެރިވާ ބޭފުޅެއްކަމަށެވެ. ވާހަކަ ދައްކަވާއިރު މެމްބަރުން ލަދުގަންނަ ޒާތުގެ ވާހަކަ ނުދައްކަވާނެކަމަށާއި، ރައީސް ޞާލިހަކީ ހިކުމަތްތެރި ކަމާއިއެކު ކަންކަން ކުރައްވާ ބޭފުޅެއްކަމަށް މޫކޭ ވިދާޅުވިއެވެ. އަދި ރައީސް ޞާލިހަކީ އެމްޑީޕީގެ އާންމު މެމްބަރުންނަށް އެންމެ ގިނަ ފުރުސަތުތައް ތަނަވަސް ކޮށްދެއްވި ރައީސް ކަމަށް އޭނާ ވިދާޅުވިއެވެ.

ނުލާހިކު މަޑުމައިތިރި. MDP މެންބަރުން ލަދުގަންނަ ޒާތުގެ ބޭކާރު އަނގައެއް ނުތަޅާ. އެންމެ ގިނަ ވަޢުދު ފުއްދާ މެމްބަރުންނަށް އެންމެ ގިނަ ފުރުސަތުތައް ހޯދައިދިން ސަޅި ވެރިމީހާ. ރަށްތަކެއް ބަހާނުލާވެސް އަސާސީ ޚިދުމަތްތައް ޤާއިމު ކުރޭ. ޤައުމު ހަމައިގައި ހިފަހައްޓާ. ރީތިކޮށް ނަގާނެ.

– މޫކޭ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ކެމްޕެއިން ހަރަކާތްތައް ފަށާފައިވާއިރު އެމަނިކުފާނުގެ ފުރަތަމަ ކެމްޕެއިން ޖަލްސާ ސަލްޓަން ޕާކުގައި ވަނީ ބާއްވާފައެވެ. "ފިކުރެއްގެ ދިރުން" މި ޝިއާރުގެ ދަށުން ރައީސް ނަޝީދު ފެއްޓެވި ކެމްޕޭނުގެ ފުރަތަމަ ޖަލްސާގައި އެމަނިކުފާނު ވަނީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވި ސަބަބާއި، އެމަނިކުފާނުގެ ސިޔާސަތުތައް ހާމަކުރައްވާފައެވެ. އަދި ސަރުކާރުގެ ބައެއް ސިޔާސަތުތަކަަށް އެމަނިކުފާނު ވަނީ ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވެފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބުގައި ވާދަކުރައްވަނީ ރައީސް ނަޝީދާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ. ރައީސް ސާލިހުވެސް ވަނީ އެމަނިކުފާނުގެ ކެމްޕެއިން ފަށްޓަވާފައެވެ. އެގޮތުން އެމަނިކުފާނުގެ ކެމްޕޭން ހަރަކާތްތަކުގެ ތެރެއިން ޖަގަހަ ޖަލްސާތައް މިދިޔަ ހަފްތާގައި ފަށާފައިވާއިރު، ކެމްޕޭން ޓީމްގެ ދަތުރުތައްވެސް މިހާރު ވަނީ އަތޮޅުތަކަށް ފަށާފައެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބު އޮންނަނީ އަންނަމަހުގެ 28 ވަނަ ދުވަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *