އަހަރުގެ ފުރަތަމަ މެޗުގައި ބްރެންޓްފޯޑުން ލިވަޕޫލް ބަލިކޮށްފި

އަހަރުގެ ފުރަތަމަ މެޗުގައި ބްރެންޓްފޯޑުން ލިވަޕޫލް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ބްރެންޓްފޯޑުން ވަރުގަދަ ލިވަޕޫލް ރޭ ބަލިކޮށްފިއެވެ.

ބްރެންޓްފޯޑް ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ލިވަޕޫލް ބަލި ކުރީ 3-1 އިންނެވެ. މިއީ 1938 ވަނަ އަހަރުގެ ފަހުން ބްރެންޓްފޯޑު އަތުން ލިވަޕޫލް ބަލިވި ފުރަތަމަ ފަހަރެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ބްރެންޓްފޯޑުންނެވެ. މެޗުގައި އެ ޓީމަށް ލީޑު ލިބުނީ ލިވަޕޫލްގެ ޑިފެންޑަރު އިބްރާހިމާ ކޮނާޓޭގެ އަތުން 19 ވަނަ މިނެޓުގައި ބައިކޮޅަށް ވަން ލަނޑުންނެވެ.

އޭގެ ފަހުން މެޗުގެ 39 ވަނަ މިނެޓުގައި ބްރެންޓްފޯޑުގެ ފޯވާޑު ޔޯން ވިސާ ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ލީޑު ފުޅާކޮށްދީފައެވެ. ނަމަވެސް ލަނޑު ޖެހި ވަގުތު އޭނާ އޮފްސައިޑުގައި ހުރުމުން ރެފްރީ ވަނީ ލަނޑު ބަަލައިނުގަތުމަށް ނިންމާފައެވެ. އޭގެ ތިން މިނެޓު ފަހުން އޭނާ ވަނީ ދެ ވަނަ ލަނޑު ޖަހައި، ލީޑު ފުޅާކޮށްދީފަ އެވެ. އެ ލަނޑު އޭނާ ޖެހީ މިޑްފީލްޑަރު މަތިއަސް ޖެންސަން ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. ފުރަތަމަ ހާފު ނިމުނީ ދެ ލަނޑުން ބްރެންޓްފޯޑު ކުރީގައި އޮވެގެންނެވެ.

ދެ ވަނަ ހާފަށް ނުކުމެ ލިވަޕޫލްގެ އުރުގުއޭ ފޯވާޑް ޑާވިން ނޫނޭޒް ވަނީ ލަނޑެއް ޖަހައިފައެވެ. ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި އޭނާ ޖެހި ލަނޑު ބަލައިނުގަންނަން ވީއޭއާރުން ވަނީ ނިންމާފައެވެ. މި މެޗުގައި ވެސް ނޫނޭޒް އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. އޭގެ ދެ މިނެޓު ފަހުން ލިވަޕޫލްގެ ފުރަތަމަ ލަނޑު ޖަހައި، އުންމީދު ހޯދައިދިނީ އެލެކްސް އޮކްސްލެޑް ޗެމްބަލިންއެވެ. އެ ލަނޑު އޭނާ ޖެހީ ޑިފެންޑަރު ޓްރެންޓް އެލެކްސެންޑާ އާނޯލްޑް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. އެ ލަނޑަށްފަހު ނަތީޖާ ހަމަހަމަކުރުމަށް ލިވަޕޫލުން މަސައްކަތް ކުރަމުން ދަނިކޮށް، ބްރެންޓްފޯޑުން ވަނީ ތިން ވަނަ ލަނޑެއް ޖަހައިފައެވެ. މެޗުގެ 85 ވަނަ މިނެޓުގައި ލަނޑު ޖެހީ ބްރަޔަން އެމްބެއުމޯއެވެ.

މެޗުން ބަލިވެ ލިވަޕޫލް އޮތީ ތާވަލްގެ ހަ ވަނަ މަގާމުގައެވެ. އެއީ ކުޅުނު 17 މެޗުން 28 ޕޮއިންޓާއެކުއެވެ. ފަސް ވަނައިގައި އޮތް ޓޮޓެންހަމަށް ލިބެނީ 30 ޕޮއިންޓެވެ. ލިވަޕޫލް އަތުން މޮޅުވި ބްރެންޓްފޯޑު އޮތީ 18 މެޗުން 26 ޕޮއިންޓާއެކު ހަތް ވަނައިގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *