ތެޔޮ ބޯޓުން ގެއްލުނު މީހުން ހޯދަން މާލެތެ ބަލަން ފަށައިފި

ތެޔޮ ބޯޓުން ގެއްލުނު މީހުން ހޯދަން މާލެތެ ބަލަން ފަށައިފި

ގުޅުންހުރި

މިދިޔަ އަންގާރަ ދުވަހުގެ ރޭ ވިލި މާލެއިން ތެޔޮ ބޯޓެއްގައި ފުރި ދެ މީހަކު ގެއްލިގެން ހޯދަމުންދާއިރު، އެމީހުން ފެނޭތީ މާލެތެރެވެސް ބަލަމުން އަންނަ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން މިއަދު ހާމަކޮށްފައިވަނީ ގެއްލުނު 2 މީހުން ހޯދުމުގެ މަސައްކަތުގައި ފުލުހުންގެ މެރިން ޕޮލިސް އާއި އެމްއެންޑީއެފުގެ ކޯސްޓް ގާޑުން ކުރަމުން އަންނަ ކަމަށެވެ. އަދި އެ މީހުން ހޯދުމުގެ މަސައްކަތުގެ ތެރެއިން މާލެ ތެރެވެސް ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

މާލެތެރެ ބަލަންޖެހުނީ ކޮން މަޢުލޫމާތެއް ލިބިގެންކަމެއް ނުވަތަ ކޮންކަމަކަށް ތުހުމަތުވެގެންކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް ކަނޑުމަތިން ގެއްލުނުކަމަށްބުނާ ބަޔަކު ހޯދަން ރަށުތެރެ ބަލަންޖެހޭނީ ކޮންމެވެސް އާދަޔާ ޚިލާފުކަމެއް އުޅޭތީކަމަށް ބެލެވެއެވެ.

ވިލިމާލެއިން ދެ މީހުންނާއެކު ފުރި ފަހުން ގެއްލިގެން ހޯދި ތެޔޮ ބޯޓު ފަހުން ވަނީ ފެނިފައެވެ. ނަމަވެސް އެއިން ދަތުރުކުރި ދެ މީހުން އަދިވެސް ހޯދިފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.

ޑިސެމްބަރ 28 ވަނަ ދުވަހުގެ ރޭ ވިލިމާލެއިން ތެޔޮ ބޯޓެއްގައިފުރި ދެ މީހެއްގެ ޚަބަރެއް ނުވެގެން އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ. އެކަމާ ގުޅިގެން ފުލުހުންގެ އިދާރާއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ދެ މީހުން ދަތުރުކުރި ތެޔޮބޯޓު، އެއާޕޯޓު ނެރުކައިރިން އޮޔާދަނިކޮށް ޑިސެމްބަރ 29 ވަނަ ދުވަހު ފެނިފައިވާ ކަމަށެވެ.

އެކަމަކު، ބޯޓުން ދަތުރު ކުރި ދެ މީހުން އަދިވެސް ފެނިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ. ގެއްލިގެން ހޯދަނީ ގދ. ތިނަދޫ، މަނާރު، މުޙައްމަދު ނިޒާމް،45، އާއި ބަނގްލަދޭޝް ރައްޔިތެއް ކަމުގައިވާ މޮހައްމަދު ލިޓަން،35، އެވެ.

މި ދެ މީހުންގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޑިސެމްބަރު 29 ވަނަ ދުވަހުގެ ވަގުތެއްގައެވެ. އެ ދެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ 9911099 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ