މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ދެމުންދާ ބަހުގެ ހިދުމަތުގައި ކޭޝް ކާޑުން ބަހަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަށް ކުރިއަށްގެންދާ އަޖުމަ ބެލުމުގެ ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.
އެމްޓީސީސީއިން ބުނީ އާރްޓީއެލް ބަހުގެ ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ކޭޝް ކާޑުން ބަހަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ބާއްވާ ޓެސްޓް ދަތުރުތައް އޮންނާނީ ޖެނުއަރީ 1 ވަނަ ދުވަހާއި 2 ވަނަ ދުވަހުކަމަށެވެ. މި ޓެސްޓު ބުރުތަކުގައި މާލެ ތެރޭގައި ދުއްވާ ބަސްތަކުގައި ކޮންޓެކްޓްލެސް މާސްޓާ ކާޑާއި ވިސާ ކާޑުގެ ބޭނުންކޮށްގެން ފައިސާ ދެއްކޭނެކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ދެމުންދާ ބަހުގެ ހިދުމަތަށް މިހާރު ފައިސާ ދެއްކެނީ އާރުޓީއެލް އެޕްލިކޭޝަން އަދި ބަސް ކާޑު މެދުވެރިކޮށް އެކަންނެވެ. މާލޭ ތެރޭގެ ބަސް ދަތުރުތަކަށް މިހާރު ނަގަމުން އަންނަނީ 7 ރުފިޔާއެވެ. މިހާރު ބަހަށް ފައިސާ ދެއްކޭނީ އޮންލައިން ޕޯޓަލް މެދުވެރިކޮށް ނުވަތަ ބަސް ކާޑު ބޭނުން ކޮށްގެންނެވެ.
މާސްޓަރ ކާޑު/ވިސާ ކާޑު ބޭނުންފުޅު ކުރައްވައިގެން އަޅުގަނޑުމެންގެ އާރ.ޓީ.އެލް. މާލޭ ސިޓީ ބަހުގެ ޙިދުމަތް (އޯކިޑް ރޫޓް 10، އަމީނީ ރޫޓް 11، ސޯސަން ރޫޓް 12) ތަޖުރިބާ ކޮށްލެއްވުމުގެ ފުރުސަތު 1 އިން 2 ޖެނުއަރީ 2023 އަށް! #RTLBus #ConnectingRaajje pic.twitter.com/TtBf4S8bpn
— MTCC Plc (@MTCCPlc) December 31, 2022
އެކަމަކު، 65 އަހަރުން މަތީގެ މީހުންނަށާއި ތިން އަހަރު ނުފުރޭ ކުޑަކުދިން އައިޑީ ކާޑު ދެއްކުމުން ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެންސްޕާގެ ކާޑު ބޭނުންކޮށްގެން ހިލޭ ދަތުރުކުރެވޭއިރު، ޔުނީފޯމްގައި ތިބޭ ސްކޫލުކުދިންނަށް ވެސް އެއްވެސް އަގަކާ ނުލައި ދަތުރުކުރެވޭނެއެވެ.
މާލޭ ތެރޭގައި އެކުންފުނިން ދޭ ބަހުގެ ހިދުމަތަށް ކޭޝް ކާޑުން ފައިސާ ނެގުމަށް ޓްރަޔަލް އެއް ބޭއްވި ނަމަވެސް، ހުޅުމާލެއާއި އެއާޕޯޓަށް ކުރާ ބަސް ދަތުރުތަކަށް ކޭޝް ކާޑު ބޭނުން ކުރެވޭނެ ތާރީހެއް އެކުންފުނިން ހާމަކޮށްފައެއް ނުވެއެވެ.