ކިޔަވާ ކުދިންނަށް ޚާއްސަކޮށްގެން ހުޅުމާލޭގައި 14 ބުރީގެ އިމާރާތެއް

ކިޔަވާ ކުދިންނަށް ޚާއްސަކޮށްގެން ހުޅުމާލޭގައި 14 ބުރީގެ އިމާރާތެއް

Author
މުޙައްމަދު ޝަޒައިމް
29 ޑިސެމްބަރ 2022 08:47
0

މާލެ ސަރަޙައްދުގައި ދިރިއުޅޭ ކިޔަވާ ކުދިން ތިބުމަށް ޚާއްސަކޮށްގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޅުމަށް ހަމަޖެހިފައިވާ އިމާރާތުގެ ބިންގާ އަޅައިފިއެވެ.

މިއިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޓައިމް އިންޖީނިއަރިންގ އެންޑް ޓެކްނޮލޮޖީއާއެވެ. މި ޕްރޮޖެކްޓުގެ ދަށުން "ކޯ ޝެއަރ" ނުވަތަ އެހެން މީހުންނާއިއެކު ދިރިއުޅޭ ކޮޓަރި އަދި އަސާސީ ހިދުމަތްތަކަށް ބޭނުން ކުރާ ބަދިގެ ފަދަ ތަންތަން ހިއްސާކޮށްގެން ދިރިއުޅުމަށް ސިންގަލް އަދި ޓްވިން ޝެއަރ ކޮޓަރި ހެދުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖެއަށް މުޅިން އާ ކޮންސެޕްޓަކަށް ފަރުމާ ކުރެވިފައިވާ ޕްރޮޖެކްޓްގެ އެންމެ ބޮޑު މަގުސަދަކީ ގްރޭޓަރ މާލެ ރީޖަންގައި ދިރިއުޅޭ ކިޔަވާ ކުދިން، ނުވަތަ އެކަނި ކުލި ބޮޑުކޮށް ތަންތަން ހިފައިގެން އުޅޭ ފަރާތްތަކަށް އަތްފޯރާފަށުގައި ބޯހިޔާވެހިކަން ފޯރުކޮށްދިނުމެވެ.

"ކޯ ލިވިންގ" ކޮންސެޕްޓަށް އެޗް.ޑީ.ސީ އިން ފަރުމާކޮށްފައިވާ މި ޕްރޮޖެކްޓުގައި ތަފާތު ހިދުމަތްތަކާ އެކު ނިމިގެންދާއިރު އައުޓްޑޯ ޖިމް، ޕޭންޓްރީ އަދި ކޮންމެ ފަންގިފަލައެއްގައި އެންމެނަށް ބޭނުންކުރެވޭނެ ބަދިގެއެއް ހިމެނޭނެއެވެ. މީގެއިތުރުންވެސް އެހެނިހެން ޒަރޫރީ އަދި އަސާސީ ބޭނުންތަކަށް ލޯންޑްރީ އާއި ފިހާރަ ފަދަ އެހެނިހެން ހިދުމަތްތަކެއް މި ބިލްޑިންގއިން ލިބިގެންދާނެއެވެ.

އެޗެ.ޑީ.ސީ އިން ކުރިއަށް ގެންދެވުނު ދިރާސާތަކުން ދައްކާގޮތުގައި ކިޔެވުމަށާއި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތުގެ ސަބަބުން މި ސަރަހައްދުގައި ދިރި އުޅޭ ފަރާތްތަކުން އާންމު ގޮތެއްގައި މަހަކު 5000 ރުފިޔާ ހަމައެކަނި ކުލީގެ ގޮތުގައި ދައްކައެވެ. މި ދެންނެވުނު ފަރާތްތަކުގެ ތެރެއިން 56% އަށް ވުރެއް ގިނަ ފަރާތްތަކުން މި ޕްރޮޖެކްޓަށް ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ. އަދި މި ފަދަ ކޮންސެޕްޓަކަށް ފަރުމާ ކުރެވިފައިވާ ގެދޮރުވެރިކަމެއްގައި 1 އަހަރަށް ވުރެއް ގިނަ އަހަރު ދިރިއުޅޭނެކަމަށް ލަފާކުރެވެއެވެ.

މި ޕްރޮޖެކްޓްގެ ދަށުން 2 ވަނަ ފަންގިފިލައިން ފެށިގެން 9 ވަނަ ފަންގިފިލާއަށް ޓްވިން ޝެއަރިންގ އަދި ބާކީ ފްލޯތަކުގައި ސިންގަލް ރޫމް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮޖެކްޓްގެ ދަށުން ކުއްޔަށް ދެވޭނީ ހަމައެކަނި ދިވެހިންނަށް ކަމުގައިވެސް ވަނީ ހަމަޖެހިފައެވެ. ހުޅުމާލޭގައި މިހާރުވެސް އާބާދުވެ ތަރައްޤީ ވަމުންއަންނަ ސަރަޙައްދެއްގައި ހުންނަ ލޮޓް N4-42 ގެ 16،934.07 އަކަފޫޓުގެ ބިމުގައި 14 ބުރި އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.