އުތުރު ތިލަފަޅު ޕްރޮޖެކްޓް 186 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) އަށް އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ރެއިލް ވިކާސް ނިގަމް އާ ހަވާލުކޮށްފިއެވެ.
އުތުރު ތިލަފަޅު އެއްބަސްވުމަކީ 2016ވަނަ އަހަރުގެ އެކުލަވާލި އެކްޝަން ޕްލޭންގެ ތެރެއިން ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި، ރާއްޖޭގެ ކޯސްޓްގާޑަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމަށް ހެދިފައިވާ ޕްލޭނާ އެއްގޮތަށް އިންޑިއާއާއެކު ވެފައިވާ އެއްބަސް ވުމެއްކަމަށެވެ.
މި މަސައްކަތްކުރާނެ ކުންފުންޏެއް އިންޑިއާ ސަރުކާރުން ކަނޑައެޅީ އެ މަސައްކަތަށް އިންޑިއާ ސަރުކާރުން ހަރަދުކުރާތީއެވެ. އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި އިންޑިއާގެ ރެއިލްވޭ ކުންފުންޏަކާއި އުތުރު ތިލަފަޅުގެ މަޝްރޫޢު ހަވާލުކުރީ 186.3 މިލިއަން ޑޮލަރު ނުވަތަ 2.9 ބިލިއަން ރުފިޔާއަށެވެ. އަދި އެއްބަސްވުމުގައި ސޮއިކުރާތާ 2 އަހަރުގެ ތެރޭގައި މަސައްކަތް ނިންމަންޖެހެއެވެ.
ވިކާސް ނިގަމް އަކީ އިންޑިއާގެ ގިނަ ރެއިލްވޭތައް ހެދުމުގެ ޕްރޮޖެކްޓްތައް ހިންގާފައިވާ ކުންފުންޏެކެވެ. އިންޑިއާގެ ސަރުކާރު ހިއްސާވާ ރެއިލް ވިކާސް ނިގަމް ކުންފުނި އުފެއްދީ 2003 ވަނަ އަހަރުއެވެ. އުތުރު ތިލަފަޅުގައި އެމްއެންޑީއެފްގެ ކޯސްޓް ގާޑަށް ހާއްސަ ބަނދަރެއް ހަދަން އިންޑިއާ ސަރުކާރާ އެކު އެއްބަސްވުމެއްގައި ސޮއި ކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ.
ކޯސްޓްގާޑަށް ހާއްސަ ޑޮކްޔާޑެއްގެ މަސައްކަތް ފެށުމަށް 2016 ގައި މަޝްވަރާކޮށް، ޑިފެންސް އެކްޝަން ޕްލޭނެއްގައި އެކުލަވައިލާފައިވެއެވެ. ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި 2013 ގައި އޭރުގެ ޑިފެންސް މިނިސްޓަރު އިންޑިޔާ އަށް ކުރެއްވި ދަތުރެއްގައި އުތުރު ތިލަފަޅު ތަރައްގީ ކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އޭގެ ފަހުން ރާއްޖެ އަށް ޒިޔާރަތް ކުރި އެކުވެރި އެހެން ގައުމުތަކާއި އެ ގައުމުތަކުގެ ކުންފުނިތަކާ އެކު ވެސް އުތުރު ތިލަފަޅު ތަރައްގީ ކޮށްދިނުމަށްޓަކައި ޑިފެންސް އިން ވަނީ މަޝްވަރާތައް ކޮށްފައެވެ.