އިނގިރޭސި ޕްރިމިއާ ލީގުގައި ނޮޓިންގްހަމް ފޮރެސްޓު ބަލިކޮށް، މެންޗެސްޓަރ ޔުނައިޓެޑުން ލީގުގެ ގަދަ ހަތަރަކާއި ގާތަށް ޖެހިލައިފިއެވެ.
ޔުނައިޓެޑުގެ އެންތޮނީ ޓެއިލާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައިވަނީ 3-0 ގެ ނަތިޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލީޑު ނަގައިދީފައިވަނީ ކޯނަރަކުން ކްރިސްޓިއަން އެރިކްސަން އޭރިއާ ތެރެއަށް ޖައްސާލި ބޯޅައަކުން ރަޝްފޯޑުއެވެ. އަދި މެޗުގެ 22 ވަނަ މިނެޓުގައި ނަތީޖާ 2-0 އަށް ބަދަލުކޮށްފައިވަނީ ރަޝްފޯޑު ދިން ބޯޅައަކުން އެންތަނީ މާޝިއަލްއެވެ.
މިމެޗުގެ ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް ނޮޓިންގްހަމުން ވެސް ވަނީ ގޯލެއް ޖަހާފައެވެ. ނަމަވެސް ގޯލު ޖެހި، ޔޭޓްސް ހުރީ އޮފްސައިޑުގައި ކަމަށް ބުނެ އެ ގޯލު ބަލައިގެންފައެއް ނުވެއެވެ.
މެޗުގެ ދެވަނަ ހާފްގައި ވެސް ޔުނައިޓެޑަށް ވަނީ އިތުރު ގޯލު ޖަހާނެ ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް އެކަން ކާމިޔާބު ކުރެވިފައިވަނީ މެޗުގެ 87 ވަނަ މިނެޓުގައެވެ. މި ގޯލު ޔުނައިޓެޑަށް ކާމިޔާބު ކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދަނޑަށް އެރި، ފްރެޑްއެވެ.
މިމެޗުން ލޮބުނު މޮޅާއި އެކީ ޔުނައިޓެޑަށް ވަނީ މިހާތަނަށް ކުޅުނު 15 މެޗުން 29 ޕޮއިންޓް ލިބިފައެވެ. އަދި ނޮޓިން އޮތީ ތާވަލުގެ 19 ވަނައިގައި 16 މެޗުން 13 ޕޮއިންޓް ލިބިގެންނެވެ. ތާވަލުގެ ހަތަރު ވަނައިގައި މިވަގުތު އޮތީ 16 މެޗުން 30 ޕޮއިންޓް ލިބުނު ޓޮޓެންހަމްއެވެ. ޔުނައިޓެޑް މިވަގުތު ތާވަލުގެ ފަސް ވަނައިގައި އޮތްއިރު، މިމަހުގެ 31 ވަނަ ދުވަހު ވުލްވްސް އާއި ދެކޮޅަށް ކުޅޭ މެޗުން އެޓީމު މޮޅުވެއްޖެނަމަ، ތާވަލުގެ ހަތަރު ވަނަ އަށް އަރާނެއެވެ.