އިންޑިއާ ހައިކޮމިޝަނުގައި ހުޅުޖަހަން ގޮވުމުން ޕާޓީތަކުން އެކަން ކުށްވެރިކޮށްފި

އިންޑިއާ ހައިކޮމިޝަނުގައި ހުޅުޖަހަން ގޮވުމުން ޕާޓީތަކުން އެކަން ކުށްވެރިކޮށްފި

ޕީޕީއެމްގެ އެކްޓިވިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވާ ޢައްބާސް ޢާދިލް ރިޒާ، ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުގައި ހުޅުޖަހަން ހިތްވަރުދޭ މޭރުމަކުން ޓްވީޓުކުރުމުން ސިޔާސީ ޕާޓީތަކުން އެކަން ކުށްވެރިކޮށް އެމައްސަލަ ބަން ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފިއެވެ.

ޢައްބާސް ޢާދިލް ރިޒާ ކުރި ޓްވިޓުގައި ބުނެފައިވަނީ "ފެބުރުއަރީ 8 ގައި އިންޑިޔާގެ އޯޑަރަށް އައްޑޫގައި ހުޅުޖެހީ. އެކަމުގެ ބަދަލު އަދި އޮތީ ނުހިފި. އެމްބަސީން ފަށަން އަޅުގަނޑަށް ފެންނަނީ." މިހެންނެވެ. އޭނާ އެ އިޝާރާތްކުރަނީ 2012ވަނަ އަހަރުގެ ފެބްރުއަރީ 7ވަނަ ދުވަހު ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާދެއްވުމުން އޭރުގެ ސަރުކާރު ވެއްޓުމާއެކު ޖެހިގެން އައި ދުވަހު ހިނގި ހަމަނުޖެހުންތަކަށެވެ. އެދުވަހުގެ ހަމަނުޖެހުންތަކުގައި އައްޑުއާއި ގދ.ތިނަދޫގައި ހުރި ޕޮލިސް ސްޓޭޝަންތަކާއި ކޯޓުތަކާއި އެނޫންވެސް ބައެއް ތަންތަނުގައި ބަޔަކު ވަނީ ހުޅުޖަހައި އަންދާލާފައެވެ. އެކަން ކުރީ އެމްޑީޕީގެ ދިދަ ހިފައިގެން މުޒާހަރާއަށް ނުކުތް މީހުންގެތެރެއިން ބައެކެވެ.

މިޙާދިސާއާ ގުޅުވައިގެން އިންޑިއާ ހައިކޮމިޝަނުގައި ހުޅުޖަހަން ހިތްވަރުލިބޭ މޭރުމަކުން އައްބާސް ޢާދިލް ރިޒާ ޓްވިޓުކުރުމުން އެމްޑީޕީއާއި އެމްއާރުއެމް އިން ވަނީ އެކަން ކުށްވެރިކޮށްފައެވެ.

އެމްޑީޕީން ބުނެފައިވަނީ އިންޑިއާ ހައިކޮމިޝަނަށް އަލިފާން ރޯކޮށްލުމަށް ގޮވާލުމުން، އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެކަން ތަހުގީގު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާކަމަށެވެ. އަދި އެކުވެރި ގައުމުތަކާ މެދު ހަމަނުޖެހުން އުފައްދައި ނަފްރަތު އުފައްދަން އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް އެމްޑީޕީން ކުށްވެރިކުރާކަމަށްވެސް އެޕާޓީން ބުނެއެވެ.

ރައީސް މައުމޫނުގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)އިން ބުނީ އަލިފާން ރޯކޮށް، ޓެރަރިޒަމަށް ހިތްވަރު ދިނުމުގެ މިފިނޑި ޢަމަލު އެމްއާރްއެމް އިން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. އަދި މިކަން ތަހުގީގުކޮށް ހަރުކަށި ފިޔަވަޅު އެޅުމަށާއި ހަމަނުޖެހުން ހިންގުމަށް ހިތްވަރުދޭ މިފަދަ ނަފްރަތު އުފެދޭފަދަ އަމަލުތައް ހިންގުން ހުއްޓުވުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާކަމަށެވެ.

މީގެ އިތުރުން ޢަދާލަތު ޕާޓީއާއި އެމްއެންޕީންވެސް ވަނީ މިކަން ކުށްވެރިކޮށްފައެވެ.

ޢަދާލަތު ޕާޓީން ބުނީ އިންޑިޔާގެ ހައިކޮމިޝަނާ ދެކޮޅަށް އަލިފާން ރޯކޮށްލުމަށް ހިތްވަރުދީ އިންޒާރު ދިނުމަކީ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއްކަމަށާއި އެކަން ތަހުގީގުކުރުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.

އެމްއެންޕީން ބުނީ ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނަށް އަމާޒުކޮށް އަލިފާން ރޯކޮށްލުމަށް ހިތްވަރުދިން މައްސަލަ އެމްއެންޕީންވެސް ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށާ، އަދި މިކަމުގެ ފުރިހަމަ ތަހުގީގެއް ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށެވެ. އަދި ޓެރަރިޒަމާއި ހަމަނުޖެހުން ހިންގުމަށް ހިތްވަރު ދިނުމަކީ އެއްވެސް ގޮތަކުން ބަލައިގަނެވޭނެ ކަމެއްނޫންކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ހޭބައްޔާ !!!! އެމްޑޕީ ދިދި ހިފައިގެން ނިކުމެ އެކަން ކުރީ ޕޕ ގޭންގް

Leave a Reply

Your email address will not be published. Required fields are marked *