ރާއްޖޭގެ ތާރީޚުގައި ހިނގި ކޮރަޕްޝަންގެ އެންމެ ބޮޑު މައްސަލަކަމަށްވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައާއި، މި ސަރުކާރުގައި ހިނގިކަމަށް ބުން ވެންޓިލޭޓަރުގެ ކޮރަޕްޝަންގެ މައްސަލަ ތަހްގީކޮށް ހުކުމް އިއްވުމުން ފައިސާއަށް ވީގޮތް އެނގޭނެކަމަށާއި، މިސަރުކާރަށް އެކަން ނުކުރެވުނުކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު މިސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ހޯދުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ. ނަމަވެސް ސަރުކާރުގެ 4 އަހަރު ފާއިތުވީއިރުވެސް އެއްވެސް ފައިސާއެއް ހޯދިފައި ނުވާކަމަށްބުނެ ބައެއް ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންވެ. އޭޣެ ތެރޭގައި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުވެސް ހިމެނިވަޑައިގަންނަވައެވެ.
އެމްޑީޕީގެ އެތެރޭގެ ރިޔާސީ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައިވަނިކޮށް ރައީސް ޞާލިހާއި މިސަރުކާރަށް ފާޑުވިދާޅުވެ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީއާއި ވެންޓިލޭޓަރުގެ ޚިޔާނާތަށް ދަޢުވާކޮށް ހުކުމް އިއްވުމުން ފައިސާއަށް ވީގޮތް ސާފުވާނެކަމަށެވެ. ރައީސް ޞާލިޙްގެ ދައުރު މިހާރު ނިމެނީކަމަށާއި، އަދި މިއެއްވެސް ކަމަކަށް ކާމިޔާބު ތަހްގީގެއް ހިންގާ ދައުވާ އުފުލިފައިނުވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
MMPRC ge khiyaanaath aai ventilator ge khiyaanaathah dhauvakoh hukum ivvumun faisaa ah veegoiy saafvaane. Raees Solih ge dhauru mi nimenee. Adhi mi in evves kamakah kaamiyaab thahuqeeqeh hingaa dhauva ufulifaeh neiy
— Mohamed Nasheed (@MohamedNasheed) December 23, 2022
ފަހަކަށް އައިސް ރައީސް ނަޝީދު ގެންދަވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ފާޅުކަންބޮޑުކޮށް ފާޑުވިދާޅުވަމުންނެވެ. ޚާއްޞަކޮށް އެމްޑީޕީގެ ކޮންގްރެސްއިން ފެށިގެން އެ ފާޑުކިޔުން ބޮޑެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ރައީސް ނަޝީދު ވަނީ މިހާރު ފޯމް ހުށައަޅުއްވާފައެވެ. އަދި ރައީސް ޞާލިޙްވެސް ވަނީ ވާދަކުރައްވާނެކަން އިއުލާންކުރައްވާފައެވެ.