ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ނޫވިލު ސީޕްލޭން ޓާމިނަލަށް 2022ވަނަ އަހަރުގެ ގްލޯބަލް ބެސްޓް ޕްރޮޖެކްޓްސް އެވޯޑްސް އޮފް އިންޖިނިއަރިން ނިއުސް ރެކޯޑް (އީއެންއާރް) ލިބިއްޖެއެވެ. ނޫވިލު ސީޕްލޭން ޓާމިނަލަށް އެވޯޑް ލިބުނީ މެރިޓް އޮފް އެއާޕޯޓް/ ޕޯޓް ކެޓަގަރީންނެވެ.
މިމަހުގެ 12ވަނަ ދުވަހު ވާޗުއަލްކޮށް ބޭއްވި 10ވަނަ އަހަރީ އީއެންއާރް ގްލޯބަލް ޕްރޮޖެކްޓްސް އެވޯޑްސްގައި ވީއައިއޭގެ އޮޕަރޭޓަރު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ވަނީ މި އެވޯޑް ހަވާލުކޮށްފައެވެ. މިއަހަރު ޖުމްލަ 18 ކެޓަގަރީއަކުން އެވޯޑުދިނެވެ. އޭގެ ތެރޭގައި 18 ގައުމެއްގައި ހިންގާ 34 ޕްރޮޖެކްޓް ހިމެނެއެވެ.
އީއެންއާރް ގްލޯބަލް ބެސްޓް ޕްރޮޖެކްޓްސްއިން ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ދަތުރުފަތުރުކުރުމުގައި އަޅާފައިވާ ފިޔަވަޅުތައް ފާހަގަކޮށްފައެވެ. އަދި މަސައްކަތްތެރިންގެ ދަތިކަމާއި، ސަޕްލައި-ޗެއިންއަށް ދިމާވެފައިވާ ހުރަސްތަކުން އަރައިގަނެ، ރާއްޖެއިން ކޮށްފައިވާ މަސައްކަތްތައް ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ތިމާވެށި ޙިމާޔަތްކުރުމަށް އިސްކަންދީ ވަށައިގެންވާ މުރަކަ ފަރުތަކާއި ކަނޑުގެ ތިމާވެއްޓަށްކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށް، ކަނޑުގެ ދިރުމަށް ލިބޭ ގެއްލުން ކުޑަކުރުމަށް ޓަކައި މިމަޝްރޫޢު ކުރިއަށްގެންދިޔައިރު ސަމާލިުކަންދީފައިވާކަންވެސް އެފަރާތުން ފާހަގަކޮށްފައިވެއެވެ.
ނޫވިލު ސީޕްލޭން ޓާމިނަލަކީ 55 އަށްވުރެ ގިނަ ސީޕްލޭން ޖެއްސޭ ގޮތަށް ފްލޯޓިން ޑޮކް އޭރިއާއެއް އޮންނަ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ޓާމިނަލެވެ. ހަތަރު ބުރީގެ، 28،000 އަކަ މީޓަރުގެ މިޓާމިނަލުގައި ތަނަވަސް ލައުންޖްތަކާއި ބޯޑިން ގޭޓްތަކުގެ އިތުރުން އޮފީހާއި އޮޕަރޭޝަނަލް ސަރަޙައްދުތައް ވެއެވެ.
މިމަޝްރޫޢުގެ މަސައްކަތް ފެށީ 2017ވަނަ އަހަރުގައެވެ.
ކޮމެންޓު ފޮނުވާ