ޔޫކުރެއިންގެ ރައީސް ޒެލެންސްކީ އެމެރިކާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަން އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްއިން ހާމަކޮށްފިއެވެ. ޒެލެންސްކީގެ މި ދަތުރު ވެގެންދާނީ ފާއިތުވެދިޔަ ފެބްރުއަރީމަހު ރަޝިއާއިން ޔޫކުރެއިންއަށް އުދުވާނީ ހަމަލާ ދޭންފެށިފަހުން އެގައުމުގެ ރައީސް ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ކަމުގައެވެ.
"ޒެލެންސްކީގެ މި ދަތުރުފުޅުން، އިންސާނީ ވަސީލަތުގެ ގޮތުންނާއި އިގްތުސާދީގޮތުން އަދި އެނޫން ގޮތްގޮތުންވެސް އެމެރިކާއިން ޔޫކުރެއިންއަށް ފޯރުކޮށް ދެމުންދާ އެހީތެރިކަމާއި އަދި ހަނގުރާމައަށް ކިތަންމެ ދިގު މުއްދަތެއް ނެގިކަމުގައި ވިނަމަވެސް އެމެރިކާ ޔޫކުރެއިންއާއިއެކު އޮންނަ އޮތުން ރަމްޒު ކޮށްދޭނެ،" ވައިޓް ހައުސްއިން އާންމު ކޮށްފައިވާ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުންނާއި ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި ޒެލެންސްކީގެ މި ދަތުރުފުޅުގައި އެމެރިކާގެ ރައީސްގެ އިތުރުން އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުންނާއި ބައްދަލު ކުރައްވާނެެއެވެ.
އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި އެމެރިކާއިން ޔޫކުރެއިން ފޯރުކޮށް ދިނުމަށް ހަމެޖެހިފައިވާ 2 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ މި ދަތުރުފުޅުގައި ބައިޑްން އިއުލާން ކުރައްވާނެއެވެ. މީގެ ތެރޭގައި އެމެރިކާއިން ޔޫކުރެއިންއަށް ފޯރުކޮށް ދިނުމަށް މިހާރު ހަމަޖެހިފައިވާ ޕެޓްރިއަޮޓް މިސައިލް ސިއްޓަމްވެސް ހިމެނެއެވެ.
މި ޕްޓެއިއޮޓް ސިސްޓަމް ޔޫކުރެއިންގައި ބޭނުން ކުރަން ފެށުމުގެ ކުރިން 3 ވަނަ ގައުމެއްގައި ޔޫކުރެއިން ސަފައިނަށް މި ސިސްޓަމާއި ގުޅޭ ތަމްރީން ފޯރުކޮށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެހެންނަމަވެސް އެއީ ކޮންގައުމެއް ކަމެއް އެމެރިކާއިން ހާމަކޮށްފައެއް ނުވެއެވެ.
އެމެރިކާއިން ބުނެފައިވަނީ ޔޫކުރެއިންގެ އެތެރޭގައި މި މިސައިލް ސިސްޓަމް އޮޕަރޭޓް ކުރުމަށް އެމެރިކާ ސިފައިން ހަރަކާތްތެރި ވަމުން ނުދާނެކަމުގައެވެ.
ޒެލެންސްކީގެ މި ދަތުރުފުޅުގައި، އެމެރިކާގެ ގާނޫނުހަދާ މަޖިލިހުގައި ތަގްރީރުކުރެއްވުމަށް އެގައުމުގެ ކެޕިޓަލްހިލް އަށް ވަޑައިގެންނެވުމުގެ ކުރިން ޖޯ ބައިޑްންއާއެކު ނޫސްވެރިންގެ ބައްދަލު ކުރެއްވުމެއްގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.