ހިނގަމުން މިދާ ވެރިކަމުގެ 5 އަހަރުދުވަހުގެ ތެރޭގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ކުރައްވަން މަސައްކަތްކުރެއްވި ހަމައެކަނި ކަމަކީ އިދިކޮޅު ލީޑަރު ރައީސް ޔާމީން ސިޔަސީ މައިދާނުން އެކަހެރިކުރުމުގެ މަސައްކަތްކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މާލެއަތޮޅު ރަށްރަށް ޕީޕީއެމްއިން ކުރާ ކެމްޕެއިން ދަތުރުގެކުރިން މާލޭ ޢިއްޒުއްދީން ފާލަން ސަރަޙައްދުގައި ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ޝިޔާމް ވިދާޅުވީ މިވަގުތުވެސް ރައީސް ޔާމީން ހުންނެވީ އަތޮޅުތަކަށް ކުރައްވަން އެމަނިކުފާނުން ނިންމަވާފައިވާ ދަތުރުތަކަށް ވަޑައިނުގެންނެވޭހެން "ތާށިވެފައި"ކަމަށެވެ. ކޯޓުގައި ހިނގަމުންދާ މައްސަލަތާ ގުޅިގެން އިރުއިރުކޮޅާ ހާޒިރުވާންޖެހޭތީ ސިޔާސީ މަސައްކަތަށް ދަތިވާކަން ޝިޔާމް ފާހަގަކުރެއްވިއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގަންނަވަން ވެވަޑައިގެންނެވި އެއްވެސް ވަޢުދެއް ނުފުއްދަވައި ހަމައެކަނި ރައީސް ޔާމީންގެ ފަހަތްޕުޅުން ނުނެއްޓެވިގެން އުޅުއްވާކަމަށް ޝިޔާމް ސިފަކުރެއްވިއެވެ.
މިއަދު ރާއްޖޭގެ ޙާލަތު އޮތީ ކަންބޮޑުވާންޖެހޭ ދަރަޖައެއްގައިކަމަށާ، ދާދިފަހުން މަރުކަޒީ ބޭންކު އެމްއެމްއޭގެ އިސްވެރިންނާއި އިދިކޮޅު ފަރާތްތަކުން ކުރި ބައްދަލުވުމުން އެނގުނު މަޢުލޫމާތާއެކު ކުރިއަށްވުރެ ކަންބޮޑުވުން އިތުރުވެފައިވާކަމަށް ޝިޔާމް ވިދާޅުވިއެވެ. އިޤްތިޞާދީގޮތުން ޤައުމު އޮތީ ބަނގުރޫޓުވާ ޙާލަތުގައިކަމަށާ، ރައްޔިތުންގެ ދިރިއުޅުން މިދަނީ ދުވަހެއް ދުވަހަކަށް ދަތިވެ އުނދަގޫވަމުންކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް މިއިންކަމެއް ޙައްލުކުރައްވަން ސަރުކާރުން ކަމެއް ނުކުރައްވާކަމަށާ، މިއީ ނާޤާބިލް ސަރުކާރެއްކަމަށް ޝިޔާމް ވިދާޅުވިއެވެ. އެހެންކަމުން މިކަމާ ދެކޮޅަށް ސިޔާސީގޮތުން ކުރެވެން ހުރި ކޮންމެ މަސައްކަތެއް އިދިކޮޅުން ކުރާނެކަމަށާ، ހުކުރުދުވަހުގެރޭ ބާއްވާ "ފެލާލައިފި" ޖަލްސާއަކީ މިފަދަ މަސައްކަތެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.
One Response
ތީހަމަ ވަރަށް ބޮޑުތެދެއް މިހާރުވެސްއެކަމުގާއަވަދިނެތި ދެންކުއްވެރިކުރާނީ ޔާމީނު އުފަންވުމުގެ ކުރިންހިގާފަ ހުކަންތަކަންކންނޭގެ