ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ މެންބަރުންގެ ދަފްތަރު ގަޑުބަޑުކޮށްފައިވާކަމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު އެޕާޓިން ހުޅުވާލާފައިވަނިކޮށެވެ. މިމަހުގެ 24ގެ ކުރިން ނަން ހުށައެޅުމަށް އެދިފައިވާއިރު، 500 މެންބަރުންގެ ސޮއި ބޭނުންވާނެއެވެ.
އެމްޑީޕީގެ ލީޑާޝިޕަށް މީގެ ކުރިންވެސް ތުހުމަތުތަކެއްކޮށްފައިވާ ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޟް އިސްމާޢީލަށް ސިޓީއެއް ފޮނުވާފައެވެ. އެސިޓީގައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވާދަކުރައްވާނެކަމަށާއި، އެމްޑީޕީގެ ވޯޓުލާ ދަފްތަރުން ސާޅީހާހާ ގާތަށް މެންބަރުން އެ މެންބަރުންނަށް އެނގުމަކާއި ނުލައި ކުއްލިއަކަށް އުނިކުރުމުން ދަފްތަރު ވަނީ ގަޑުބަޑުވެފައިކަމަށެވެ. ޕްރައިމަރީ ކުރިއަށްގެންދެވުމުން އެ ޕްރައިމަރީއަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ވާނެކަމަށް ޤަބޫލު ނުކުރާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މިޕާޓީއަށް ހިތުން ރުހުމުން ގުޅިފައިވާ މެންބަރުންގެ ތެރެއިން %40 މެންބަރުންގެ ހައްގާއި ބައިވެރިވުން ގެއްލުވާލައި ބާއްވާ އިންތިޚާބަކީ 2023ގެ ރިޔާސީ އިންތިޚާބުގައި މިޕާޓީއަށް އިންތިހާއަށް ނޭދެވޭ އަސަރުކުރާކަމެކެވެ. އަދި އެއީ މިޕާޓީގެ މަސްލަހަތު ހިފެހެއްޓޭނެކަމެއް ނޫންކަމަށް އަޅުގަނޑު ދެކެމެވެ.
– ރައީސް ނަޝީދުގެ ސިޓީގައިވެއެވެ.
Party ge memberunge dhaftharu vanee gadubadu kohfa pic.twitter.com/eOornp1iPf
— Mohamed Nasheed (@MohamedNasheed) December 19, 2022
އެހެންކަމުން ރިޔާސީ ޕްރައިމަރީގައި ވޯޓުލާއިރު، އެޕާޓީގެ ވޯޓުލާ ދަފްތަރުގެ ގޮތުގައި މިހާތަަނށް ބަލަމުންއައި ދަފްތަރުގައި ހިމެނޭ މެންބަރުން ވޯޓުލުމުގެ ހައްގު ނުގެއްލޭނެކަން ކަށަވަރުކޮށްދެއްވުމަށް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ. ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީ ކޮންގްރެސްއާއި ދިމާކޮށްވެސް ދަފްތަރަށް ރައީސް ނަޝީދު ފެކްޝަނުން ތުހުމަތުކުރިއެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މީގެ ކުރިން އިއުލާންކުރއްވާފައިވެއެވެ. އަދި ރައީސް ނަޝީދުވެސް މިއަދު ވަނީ ރަސްމީކޮށް ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައެވެ. އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ ޖެނުއަރީ 28ގައެވެ. މިމަހުގެ 24ގެ ކުރިން ވާދަކުރައްވާ ކެނޑިޑޭޓުން ޕާޓީއަށް ނަން ހުށައަޅަންޖެހެއެވެ.
ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.