އަލިފާނުގެ ހާދިސާގައި އެކަކު ވަނީ ގެއްލިފައި، އޭނާ ފެނިފައެއް ނުވޭ: އެފްކޮންސް

އަލިފާނުގެ ހާދިސާގައި އެކަކު ވަނީ ގެއްލިފައި، އޭނާ ފެނިފައެއް ނުވޭ: އެފްކޮންސް

Author
ހުސެއިން
17 ޑިސެމްބަރ 2022 06:50
0

ގުޅީ ފަޅުގައި ހުންނަ، ވިލިމާލެ ބުރިޖް އެޅުމުގެ މަސައްކަތް ކުރަނުންދާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ އެކޮމޮޑޭޝަން ބްލޮކްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެކަކު ގެއްލިފައިވާ ކަމަށާއި އޭނާ އެއަށްފަހު ފެނިފައި ނުވާކަމަށް އެފްކޮސްންއިން ބުނެފިއެވެ.

އަލިފާނުގެ ހާދިސާއާއި ގުޅޭގޮތުން އެފްކޮންސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަލިފާނުގެ ހާދިސާ ހިނގިއިރު ގުޅީފަޅު އެކޮމޮޑޭޝަން ބްލޮކްގައި 457 މުވައްޒަފުން އުޅެމުންދިޔަ ކަމަށެވެ.

އެފްކޮންސްގެ ބަޔާނުގައި ބުނެފައިވަނީ، އަލިފާނުގެ ހާދިސާއަށްފަހު އެކޮމޮޑޭޝަންގައި ތިމިބި މީހުންގެ އަދަދު ހިސާބު ކުރިއިރު އެކަކު މަދުކަން އެގިފައިވާ ކަމަށާއި، އެހެންކަމުން އެމީހާ ފެނޭތޯ ސަލާމަތީ ފަރާތްތަކުން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެހެންނަމެވެސް މީހެއްގެ ހަށިގަޑުވެސް އަދި އެމީހާވެސް މިހާތަނަށް ކުރެވުނު މަސައްކަތަތުން ފެނިފައި ނުވާތީ އޭނާ ހޯދުމަށް ކުރަމުންއައި މަސައްކަތަތައް އެމްއެންޑީއެފްއިން މިހާރު ހުއްޓާލާފައިވާކަން އެކުންފުންޏަށް އަންގާފައިވާ ކަމަށެވެ.

އެހެންނަމަވެސް ފުލުހުން ހާމަ ކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގި ސަރަހައްދުގެ އިތުރުން، އޭނާ ފެނޭތޯ އެހިސާބުގެ އެހެން ސަރަހައްދުތައްވެސް އަދިވެސްދަނީ ބަލާ ހޯދަމުންނެވެ.

މި އަލިފާނުގެ ހިގާފައިވަނީ ބުރާސްފަތި ދުވަހުގެރޭ 12:31 ގައެވެ. އެމްއެންޑީއެފްއިނ ބުނެފައިވަނީ މިމައުލޫމާތު ލިބުމާއެކު އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައިވާކަމަށާއި، އަދި ފަޔަރ އެންޑް ރެސްކިއުއިން ކުރި މަސައްކަތުން، އެ ސަރަހައްދުގައި ރޯވި އަލިފާން ނިއްވާލެވިފައިވަނީ އެރޭގެ 1:52 ހާއިރު ކަމަށެވެ. މިހާދިސާގައި އެފްކޮންސްއިން ބޭނުން ކުރަމުންއައި އެކޮމޮޑޭޝަން ބްލޮކް ވަނީ އަދާ އަޅިއަށް ވެފައެވެ.

މިހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން 13 މީހަކަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދީފައިވާއިރު، 60 މީހަކަށް ފަރުވާ ދީފައިވަނީ ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ. މީގެ ތެރެއިން އެޑްމިޓްކޮށްގެން މިހާރު ފަރުވާ ދެމުންދަނީ 32 މީހަކަށެވެ. މީގެ ތެރެއިން 4 މީހަކު އޮޕަރޭޝަން ކޮށްފައިވެއެވެ.

އެފްކޮންސްގެ ބަޔާނުގައި ބުނެފައިވަނީ އަލިފާނުގެ ހާދިސާގައި ގެއްލުންވި ހުރިހާ މުވައްޒަފުންނަށްވެސް އެކުންފުނިން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި މިހާތަނަށް އެއްވެސް މުވަޒަފަކަށް މުސާރަ ނުދީ ނުހުންނާނެކަން ހާމަކުރަމުން އެ ކުންފުނީގެ ބަޔާނުގައި ބުނެފައިވަނީ ކުންފުނިން އެންމެ އިސްކަންދެނީ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމުގައެވެ.

އެފްކޮންސްއިން ވިލިމާލެ ބުރިޖް އަޅަމުން ދާއިރު މި މަސައްކަތުގައި މިހާތަނަށް ގިނަ ނުރައްކާތެރި ހާދިސާތަކެއް ވަނީ ހިގައިގެން ގޮސްފައެވެ. އޭގެ ތެރޭގައި ބްރިޖް އަޅަން ބޭނުންކުރާ ޕްލެޓްފޯމް ވިލިމާލެ ފަރަށް އެރުމާއި، ބުރިޖްގެ ތަނބުތައް ޖަހަން ބޭނުންކުރި ކެރޭނެއް ބިންދައިގެން ދިއުންވެސް ހިމެނެއެވެ.

ބްރިޖް ޕްލެޓްފޯމް ވިލިމާލެ ފަރަށް އެރުމާއި ގުޅިގެން އީޕީއޭއިން މިހާރުވަނީ އެފްކޮސްން ބޮޑު އަދަދަކުން ޖޫރިމަނާވެސް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.