ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ކެމްޕެއިން މެނޭޖަރަކަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މުގައްރިރު މުހައްމަދު ނާޝިދު ހަމަޖައްސަވައިފިއެވެ.
ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތި ލެއްވުމަށްޓަކައި އެމްޑީޕީ ޓިކެޓް ކަށަވަރު ކުރުމަށް ބާއްވާ ޕްރައިމަރީގެ ކެމްޕެއިން ރަސްމީކޮށް އިއުލާން ނުކުރިނަމަވެސް ރައީސް ޞާލިހަށް ތާއީދު ކުރާ ފަރާތްތަކުން ދަނީ ކެމްޕެއިން ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން މަޖިލީހުގައި ހިމެނޭ ރައީސަށް ތާއީދު ކުރާ މެމްބަރުންނާއި، ބައެއް އާންމު މެމްބަރުންވެސް ދަނީ އަތޮޅު ތެރެއަށް ވަޑައިގެން ކެމްޕެއިން ހަރަކާތްތައް ހިންގަމުންނެވެ.
އެމްޑީޕީގެ ޕްރައިމަރީ ބާއްވާނެ ތާރީހެއް އަދި އިއުލާން ނުކުރި ނަމަވެސް ޕްރައިމަރީގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ރައީސް ޞާލިގެ ކެމްޕެއިން އޮފީހެއްގެ ގޮތުގައި ކަނޑައަޅަފައިވަނީ ސޯލްޓް ކެފޭއެވެ. މިއީ ރިޔާސީ އިންތިޚާބުގައިވެސް އެމަނިކުފާނު ކެމްޕެއިނަށް ބޭނުންކުރި މައި އޮފީހެއެވެ. މީގެ އިތުން މިކެމްޕެއިންގައި ބޭނުން ކުރާނެ ސްލޯގަންއާއި، ކެމްޕެއިން ހަރަކާތްތައް ބޭއްވުމަށް ޖަގަހަތައްވެސް ވަރަށް އަވަހަށް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.
ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ނިންމައި، ހަރަކާތްތަކުގައި ކެމްޕެެއިން މެނޭޖަރަކަށް ކަނޑައަޅާފައިވަނީ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒުއެވެ. ނާޝިޒުއަކީ ޑީއާރުޕީގެ ކުރީގެ ލީޑަރު ތަސްމީން އަލީގެ ކޮއްކޮ އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމްގެ ފިރިކަލުންނެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް ރައީސް ޞާލިހު ނިންމަވައި ކެމްޕެއިނަށް ތައްޔާރުވަމުންދާއިރު، ރައީސް ނަޝީދުވެސް ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެކަމުގެ އިޝާރާތެއް ދެއްވާފައެވެ. އަދި އެމަނިިފާނަށް ތާއީދުކުރާ ފަރާތްތަކުން ވަނީ ވަރަށް ފަހުން މާލޭގައި ކެމްޕެއިން ހަރަކާތްތަކާއި ގުޅޭގޮތުން ބައްދަލުވުމެއްވެސް ބާއްވާފައެވެ.
ކޮމެންޓު ފޮނުވާ