މެގަ ޕްރޮޖެކްޓްތައް ހުއްޓުވަން އުޅެނީ ގިރި ފެކްޝަނަށާއި، ވަގު ފެކްޝަނުން: ނިހާދު

މެގަ ޕްރޮޖެކްޓްތައް ހުއްޓުވަން އުޅެނީ ގިރި ފެކްޝަނަށާއި، ވަގު ފެކްޝަނުން: ނިހާދު

Author
މުޙައްމަދު ޝަޒައިމް
16 ޑިސެމްބަރ 2022 02:22
0

ސަރުކާރުން ހިންގާ މެގަ ޕްރޮޖެކްޓްތައް ހުއްޓުވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުދަނީ ގިރި ފެކްޝަނަށާއި، ވަގު ފެކްޝަނުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ތުހުމަތު ކުރައްވައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދު ކުރައްވާ މެމްބަރުން "ގިރި" ފެކްޝަން މުޚާތަބް ކުރަނީ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ މެމްބަރު ހިމެނޭ ފެކްޝަނަށެވެ. އެއީ އެއްޖިއްސުން ގުޅުންހިންގި ކަމުގައި ހައްޔަރުކޮށް ހުކުމް ތަންފީޒު ކުރަމުންދާ "އަލަމްގިރި" އާއި އެއްކޮށް ރައީސް ނަޝީދުގެ ކޮއްކޮއާއި އެނޫން ބައެއްމީހުން އެއްޖިއްސުން ގުޅުން ހިންގާފައިވާތީއެވެ.

ރައީސް ޞާލިހަށް ތާއީދުކުރާ މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުން "ވަގު" ފެކްޝަންގެ ގޮތުގައި މުޚާތަބު ކުރަނީ ރައީސް ޔާމީނަށް ތާއީދުކުރާ ފަރާތްތަކަށެވެ. ތިލަމާލޭ ބްރިޖު އެޅުމުގެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މުވައްޒަފުން ތިބުމަށް ގުޅީފަޅުގައި ހަދާފައިވާ އެކަމޮޑޭޝަން ބްލޮކްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ނިހާދު ތުހުމަތު ކުރައްވަނީ މިހާދިސާއަކީވެސް ގިރި ފެކްޝަނާއި ވަގު ފެކްޝަނުން ގުޅިގެން ހިންގި ކަމެއްގެ ގޮތުގައެވެ.

ނިހާދު ވިދާޅުވީ ސަރުކާރުން ހިންގާ ބޮޑެތި ބިޔަ މަޝްރޫޢުތައް ހުއްޓުވައި، އެކަންކަން ވިޔަ ނުދިނުމަކީ މިދެކްޝަނުން ބޭނުންވާ ގޮތްކަމަށެވެ. ނަމަވެސް މިފަދަ ކަންކަމުގެ ސަބަބުން ގެއްލުން ލިބިގެންދަނީ ޤައުމާއި ރައްޔިތުންނަށް ކަމަށް ނިހާދު ވިދާޅުވިއެވެ.

ތިލަމާލެ ބްރިޖް އަދި ރާއްޖޭގައި ހިންގަމުންދާ މެގަ ޕްރޮޖެކްޓްތައް ހުއްޓުވުމަށް ކުރެވެން ހުރި ކޮންމެ ކަމެއް ގިރި ފެކްޝަނާއި، ވަގު ފެކްޝަނާއި ގުޅިގެން ކޮށްފާނެ. އެކަން އެހެން ކުރުމުން އެދެވެނީ އަމިއްލަ އެދުމަށް، ޤައުމާއި ރައްޔިތުންނަށް ގެއްލުން.

– ނިހާދު ވިދާޅުވިއެވެ.

ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެ އިމާރާތް އެކޮށް އަނދައި ހުލުވެ، 70 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވި ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. މި ހާދިސާގައި 13 މީހަކު އައިޖީއެމް ހޮސްޕިޓަލަށް އަދި 60 މީހުން ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށާއި އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަނދައި ހުލުވި އެކޮމަޑޭޝަން ބްލޮކުގައި 465 މީހުން ދިރިއުމުންދިޔައެވެ.

އެފްކޮންސްއިން އިން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ހުރިހާ މަސައްކަތްތެރިން ސަލާމަތްކުރެވުނު،" ކަމަށާއި ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ މީހުންނަށް ލިބިފައިވަނީ ކުދިކުދި އަނިޔާ ކަމަށެވެ. އަދި އެ އެންމެންގެ ހާލު ރަނގަޅު ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.