ޒަކާތުފަންޑުން ސާއިދަށް އެހީވުމަށް ޑރ.ޝަހީމް ގޮވާލައްވައިފި

ޒަކާތުފަންޑުން ސާއިދަށް އެހީވުމަށް ޑރ.ޝަހީމް ގޮވާލައްވައިފި

Author
ޢަލީ އާދަމް
15 ޑިސެމްބަރ 2022 07:15
0

ދެކިޑްނީ ފެއިލްވެ މަރާ ހަނގުރާމަކުރަމުންދާ މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ސާއިދު އަޙްމަދަށް ރާއްޖޭގެ ޒަކާތު ފަންޑުން އެހީވުމަށް ކުރީގެ އިސްލާމިކް މިނިސްޓަރ އަދި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ގޮވާލައްވައިފިއެވެ.

ޑރ.ޝަހީމް މިހެން ގޮވާލެއްވީ ކުރެއްވި ޓްވީޓެއްގައެވެ. ސާޢިދަށް އެހީ ހޯދަން އޭނާގެ ޙާލަތު ކިޔައިދީ ޕީއެސްއެމްގެ ނޫސްވެރިޔަކު ކޮށްފައިވާ ޓްވީޓެއް ރީޓްވީޓްކުރައްވައި ޑރ.ޝަހީމް ވިދާޅުވެފައިވަނީ ރާއްޖޭގެ ޚިދުމަތްތެރި ސާއިދުފަދަ ދަރިންނަށް މިފަދަ ކަންކަމުގައި ފަސޭހަކޮށްދީ އެހީވާންޖެހޭކަމަށެވެ. އަދި ރާއްޖޭގެ ޒަކާތު ފަންޑުން ސާއިދާއި މިފަދަ ކޮންމެ ބޭފުޅަކަށް ފުރިހަމަ ކަމާއެކު އެހީވާންޖެހޭކަމަށެވެ.

މިވީޑިއޯގައި ސާއިދު ބުނެފައިވަނީ އޭނާގެ ދެ ކިދްނީ މުޅިން ފެއިލްވެ ކިޑްނީ ޓްރާންސް ޕްލާންޓްކުރުމަށް އޭނާ މަސައްކަތްކުރާތާ 4 އަހަރުދުވަސް ވެފައިވާކަމަށެވެ. އެތައް މަސައްކަތުން ލިބުނު އެހީތެރިކަމާއެކު ސްރީލަންކާއަށް ގޮސް ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް އެޤައުމުގައި 6 މަސްދުވަސް ހޭދަކުރިކަމަށެވެ. އެހެންނަމަވެސް ސާއިދު އެޤައުމަށް ދިޔަފަހުން އެޤައުމުގެ ސަރުކާރުގެ ސިޔާސަތަށް ގެނައި ބަދަލަކާ ގުޅިގެން އޭނާގެ އޮޕަރޭޝަން ކުރެވޭގޮތް ނުވެ އެނބުރި ރާއްޖެ އައިކަމަށެވެ. އަދި މިހާރު އަނެއްކާވެސް އެހެން ޤައުމަކުން އޮޕަރޭޝަން ކުރެވޭގޮތް ވެފައިވާކަމަށާ، އެކަމަށްޓަކައި ވަރަށްބޮޑު ހޭދައެއް ކުރަން ޖެހިފައިވާކަމަށެވެ. އެހެންކަމުން އޭނާވަނީ މިކަމުގައި އެހީތެރިކަމަށް އެދިފައެވެ.

ސާއިދަކީ މިހާރުވެސް ޕީއެސްއެމްގެ ކުޅިވަރު ނޫސްވެރިއެއްގެގޮތުގައި ޢަމަލީގޮތުން މަސައްކަތްކުރަމުން އަންނަ މީހެކެވެ. މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕްގެ ޕްރީ ޝޯތަކުންވެސް އޭނާ ފެނެއެވެ. އަދި ދިވެހިރާއްޖޭގެ އަޑު މެދުވެރިކޮށް ވޯލްޑްކަޕް މެޗްތަކުގެ ލައިވް ކޮމަންޓްރީ ދިވެހިބަހުން ގެނެސްދިނުމުގައި އޭނާގެ ދައުރު ބޮޑެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މަރިޔަމް މޫސާ
ސާޢިދު ތިހެންކިޔައިން ނަާފައި ހިރި ފައިސާ ޢޮޑިޓްކޮށްބަލަ. މިލިއަނުން ނަގައިފި