އަޖޭ ދޭވްގަން އާއި ދީޕިކާ ޕަޑުކޯން ގެ ޖޯޑް ބޮޑު ސްކްރީން އިން ބަލައިލުމަށް ކެއްތަމަދުވެފައިވާ މީހުންނަށް އުފާވެރި ހަބަރެކެވެ. އެ ޖޯޑު އެކުގައި ފިލްމްއަކުން ފެނިގެންދާނެ ކަމުގެ އިޝާރާތެއް ޑައިރެކްޓަރު ރޯހިތު ޝެޓީ މިވަނީ ދީފައިއެވެ.
އެގޮތުން މިއަހަރު ކުރީކޮޅުގައި އިރުލާންކޮށްފައިވާ، އަޖޭ ދޭވްގަން ފުލުހެއްގެ ރޯލު ކުޅޭ ފްރެންޗައިޒް ފިލްމު "ސިންގަމް" ގެ 3 ވަނަ ފިލްމް "ސިންގަމް އެގެއިން" އިން މިދެތަރިން ގެ ޖޯޑު ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ރޯހިތު ވަނީ ބުނެފައެވެ.
އޭނާ މިހެން ބުނެފައިވަނީ އެނާގެ ކުރިއަށް އޮތް ފިލްމު "ސާކަސް" ގައި ހިމެނޭ ދީޕިކާގެ ޚާއްސަ ލަވަ "ކަރަންޓް ލަގާ ރޭ" ލޯންޗްކުރުމަށް ބޭއްވި ހަފްލާގައެވެ. ދީޕިކާގެ ފިރިމީހާ ރަންވީރު ސިންގް ލީޑްރޯލުން ފެންނަ "ސާކަސް" ގައި ދީޕިކާ ފެނިގެންދާ ހާއްސާފެނިލުމަކީ މިއެވެ.
މީގެ ކާސްޓާއި ބެހޭގޮތުން އެއްވެސް އެއްޗެއް ޕްރޮޑަކްޝަން ޓީމުން އޭރު ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މި ހަފްލާގައި ރޯހތު ވަނީ ކޮޕެއްގެ ގޮތުގައި މި ފިލްމް އިން ދީޕިކާ ފެނިގެންދާނެ ކަން ކަށަވަރު ކޮށްދީފައިއެވެ.
އަންނަ އަހަރު ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ މި ފިލްމު ވާނީ އަޖޭ އާއި ދީޕިކާ އެކުގައި ސްކްރީނުން ފެންނެ ފުރަތަމަ ފިލްމަށެވެ. އަދި މިއީ ރޯހިތުއާއި އެކުގައި ދީޕިކާ މަސައްކަތްކުރާ ދެވަނަ ފިލްމެވެ. އެ ދެ މީހުން ކުރިން އެކީގައި މަސައްކަތްކުރީ ޝާހްރުކް ޚާން ބަތަލުގެ ރޯލު ކުޅުނު 2013 ގެ "ޗެންނައި އެކްސްޕްރެސް" ގައެވެ.
އަޖޭ "ސިންގަމް އެގެއިން" ގެ މަސައްކަތް ފަށާނީ އަޖޭ ޑައިރެކްޓްކޮށް، މިހާރު ކުޅެމުން އަންނަ ފިލްމު "ބޯލާ" ގެ މަސައްކަތްތައް ނިމުމުންނެވެ. އެ ފިލްމު ރިލީޒްކުރަން ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ މާރިޗު 30 ގައެވެ.
"ސިންގަމް އެގެއިން" ގެ ބަތަލާއަކަށް ދީޕިކާ ހަމަޖެއްސި އިރު، ރޯހިތުގެ ކޮޕް ޔުނިވާސްގެ މި ފިލްމު ސީރީޒްގެ ފުރަތަމަ ފިލްމު 2011 ގެ "ސިންގަމް" ގެ ބަތަލާ އަކީ މަޝްހޫރު ތެލެގޫ ބަތަލާ ކާޖަލް އަގަރްވާލެވެ. އަދި 2014 ގެ "ސިންގަމް ރިޓާންސް" ގެ ބަތަލާ އަކީ ކަރީނާ ކަޕޫރެވެ.