ކަނޑު ވިއްކާލާފައި ކޮން މަސްވެރިންގެ ދުވަހެއްތޯ؟:ޝުޖާޢު

ކަނޑު ވިއްކާލާފައި ކޮން މަސްވެރިންގެ ދުވަހެއްތޯ؟:ޝުޖާޢު

Author
ޢަލީ އާދަމް
12 ޑިސެމްބަރ 2022 08:58
0

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރާއިރު، މިހާރުގެ ސަރުކާރުން ވަނީ ރާއްޖޭގެ ކަނޑުން ބައެއް އިންޑިއާއަށް ވިއްކާލާފައިކަމަށާ، ދެން ސަރުކާރުން މިއުޅެނީ ކޮން މަސްވެރިންގެ ދުވަހެއް ފާހަގަކުރަންތޯ ސުވާލު އުފައްދަވައި ޕީޕީއެމްގެ ނައިބު ރައީސް އިބްރާހީ ޝުޖާޢު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ޝުޖާޢު މިމޭރުމުން ވާހަކަފުޅުދެއްކެވީ ރޭ ޕީޕީއެމްއިން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. މިޖަލްސާގައި ޕީޕީއެމްގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުވެސް ބައިވެރިވެވަޑައިގަތެވެ.

ޝުޖާޢު ވިދާޅުވީ ފޯޅަވަހީގެ މައްސަލާގައި ސަރުކާރުން ޢަމަލުކޮށްފައިވަނީ އިންޑިއާގެ މަސްލަޙަތުގައިކަމަށާ، އިންޑިއާއިން ބޭނުންވާގޮތަށް ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލާފައިވާކަމަށެވެ. އެއާއެކު މާދަމާވެސް ދިވެހި މަސްވެރިންނަށް އެސަރަޙައްދަށް މަހަށް ނުކުމުގެ ފުރުސަތެއް ނެތްކަމަށާ، މިއީ މިސަރުކާރުން އިންޑިއާއަށް އަޅުވެތިވެފައިވާ މިންވަރުކަމަށެވެ. މިމައްސަލަ އޮޅުވާލައި ބައިނަލްއަޤުވާމީ މުޢާމަލާތްތައް އޮޅުވާލައި ސިޓީބިޓީ ސިއްރުކޮށްގެން އުޅުނަސް އެސިޓީތައްވެސް ލީކުވާނެކަމަށާ، މިކަން ހާމަވާނެކަމަށް ޝުޖާޢު ވިދާޅުވިއެވެ. ސަރުކާރުން އަމިއްލައަށް ގޮސް ފުލުހުންނަށް މިކަމުގެ މަޢުލޫމާތު ދޭންޖެހުނީ ވަރަށްބޮޑު ގޯސްތަކެއް ސަރުކާރުން ހަދާފައި އޮތުމުންކަމަށްވެސް ޝުޖާޢު ތުހުމަތުކުރެއްވިއެވެ.

ޝުޖާޢު ވިދާޅުވީ މަސްވެރިންނަށް އެތައް ދުއްތުރާލެއް ސަރުކާރުން ޖައްސައިފިކަމަށާ، މަސްވެރިންނަށް ހަމައަގު ހޯދައިދޭނެކަމަށް ވީވަޢުދު ނުފުއްދައި އޮޅުވާލާފައިވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.