މަޔަކަށް ވުމަކީ ބޮޑު ބަދަލެއް އަންނަ ކަމެއް ކަމަށާއި އެގޮތުން އޭނާ އާއި އޭނާގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށް ބޮލީވުޑްގެ ކާމިޔާބު ބަތަލާ އާލިއާ ބަޓް ބުނެފިއެވެ.
އުމުރުން 29 އަހަރުގެ އާލިއާ އަށް މިދިއަ ނޮވެމްބަރު މަހުގެ 6 ވަނަދުވަހުގައި ވަނީ އަލަތު ދަރިފުޅު ލިބިފަައެވެ. އާއިލާއާއި މަޝްހޫރު އެކްޓަރު ރަންބީރު ކަޕޫރު ކައިވެނި ކުރީ މިއަހަރު އެޕްރިލް މަހުގެ 14 ވަނަ ދުވަހުއެވެ.
މިއީ އާލިއާ އަދި ރަންބީރުގެ ވެސް އަލަތު ދަރިފުޅެވެ. ދަރިއަކު ލިބުން ފަހުން އަދި މިވީ މަހެއްހާ ދުވަސް ކަމަށާއި ނަމަވެސް މިހާރުވެސް އޭނާ އަށް ވަރަށް ބޮޑެތި ބަދަލު ތަކެއް އައިސްފައިވާކަމަށް އާލިއާ ބުނެއެވެ. މިހާރު ދިރިއުޅުމުގައި ކަންކަމާއި މެދު ވިސްނާ ގޮތް އަދި ބެލޭގޮތް ތަފާތުވެފައިވާ ކަމަށާއި ހުރިހާ ކަމެއްވެސް މިހާރު ވަރަށް ބޮޑަށް ބަދަލުވެއްޖެ ކަމަށް އޭނާ ވަނީ ބުނެފައެވެ.
" މިހާރު އިހުސާސްވަނީ އަހަރެންގެ ހިތް ކުރިއަށްވުރެ ބޮޑަށް ހުޅުވިއްޖެހެން. އެކަމުގެ ސަބަބުން އަންނަން ހުރި ކަންކަމަކީ ކޮބައިކަމެއް ނޭގޭ. އެކަމަކު އަލަށް މިފެށި ދަތުރާ މެދުގައި ވަރަށް އެކްސައިޓްވެފައި މިހިރީ. ދެން ބަލަން ތިބެމާ ވާގޮތެއް. "
– އާލިއާ
އާލިއާ ބުނީ މި ބަދަލުގެ ސަބަބުން، އޭނާ ފިލްމު ތަކުގައި ކުޅޭ ރޯލާއި މެދުގައިވެސް މިހާރު ވަރަށް ވިސްނަން ޖެހިފައިވާ ކަމަށާއި ކުރިން ނުވިސްނާ ގޮތަށް މިހާރު ވިސްނެއް ފެށުމުން ކެރިއަރުންވެސް އެކަން ފެނިގެންދާނެ ކަމަށެވެ.