ހުޅުމާލޭގައި ހެދިކާ އަދި ތައްޔާރީ ލުއި ކާނާ ވިއްކުމަށް ޚާއްސަ ފުރުސަތުތަކެއް

ހުޅުމާލޭގައި ހެދިކާ އަދި ތައްޔާރީ ލުއި ކާނާ ވިއްކުމަށް ޚާއްސަ ފުރުސަތުތަކެއް

ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނަށް އަމާޒުކޮށްގެން ހެދިކާ ވިއްކުމުގެ ބޭނުމަށް ފަރުމާކުރެވިފައިވާ 4 "އަރބަން ޝެކް" ކުއްޔަށް ދޫކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި "އަރބަން ޝެކް"ތައް ކުއްޔަށް ދޫކުރުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ރައްވެހިންނާއި، ހުޅުމާލެގައި ދިރިއުޅޭ ފަރާތްތަކަށެވެ. އަރބަން ޝެކް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 2 އަހަރު ދުވަހަށެވެ.

މި ތަނަށް މަހު ކުލީގެ ގޮތުގައި 1500 ރުފިޔާ އަދި ލީސް ޑިޕޮސިޓްގެ ގޮތުގައި 1500 ރުފިޔާ ދައްކަންޖެހެއެވެ. އަރބަން ޝެކް ކުއްޔަށް ލިބޭނެ ފަރާތްތައް ހޮވިގެންދާނީ ކުއްޔަށް ނެގުމަށް އެދި ފޯމު ހުށަހަޅާފައިވާ ގްރޫޕްތަކުގެ މެދުގައި ނެގޭ ގުރުއަތުލުމަކުންކަން އެޗްޑީސީން ހާމަ ކޮށްފައި ވެއެވެ. މިގޮތުން، އަރބަން ޝެކް ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން 7 ދުވަސްތެރޭގައި ހިދުމަތްދޭން ފަށަންޖެހެއެވެ. އަދި މި މުއްދަތު ތެރޭގައި ހިދުމަތްދޭން ނުފަށާފިނަމަ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން އެއްވެސް ބަދަލަކާއި ނުލައި ބާތިލުކުރެވޭނެކަމަށް އެޗްޑީސީން ހާމަކޮށްފައި ވެއެވެ.

އަރބަން ކިއޮސްކް

ހުޅުމާލެގެ ނެއިބަރހުޑް 6 ކުން ލުއިކާނާ އަދި ބުއިންތައް ވިޔަފާރި އުސޫލުން ވިއްކުމަށް އަރބަން ކިއޮސްކް ކުއްޔަށް ދޫކުރުމަށް ހުޅުވާލާފައިވަނީ، ހުޅުމާލެގައި ދިރިއުޅޭ ފަރުދުންނާއި އަދި އެންމެ ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ތައްޔާރީ ކާބޯތަކެތީގެ ވިޔަފާރިއަށް ފަރުމާކުރެވިގެންނެވެ. މިގޮތުން ހުޅުވުމަށް ހަމަޖެހިފައިވަނީ ޖުމްލަ 4 އަރބަން ކިއޮސްކެކެވެ.

މި ކިއޮސްކްތަކުގައި ފެން އަދި ކަރަންޓުގެ ހިދުމަތް ބޭނުންކުރެވޭނެ މަގު އެޗްޑީސީންވަނީ ފަހި ކޮށްދީފައެވެ. މިގޮތުން ކިއޮސްކް ހިންގާ ފަރާތްތަކުން ބޭނުންވެއްޖެ ހިނދެއްގައި ކަރަންޓާއި ފެން ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވި ނަމަވެސް، މި ހިދުމަތްތައް ގުޅުމާއި ހިދުމަތުގެ އަގު ކުއްޔަށް ހިފާ ފަރާތުން އަދާކުރަންޖެހޭނެކަމަށް އެޗްޑީސީން ބުނެފައި ވެއެވެ. އެޗްޑީސީން ހާމަ ކޮށްފައިވާ ގޮތުގައި، މި ކިއޮސްކްތަކުގައި ތައްޔާރީ ކާތަކެތި، ލުއިކާނާ، ލުއިބުއިން އަދި ޓޭކްއަވޭ ހިދުމަތް ލިބިގެންދާނެއެވެ. އަރބަން ކިއޮސްކް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 2 އަހަރު ދުވަހަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވުމާއިއެކު މި ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ބޭނުންވާ އެންމެހާ ކަންކަން ފޯރުކޮށްދިނުމުގައި އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަމުން ދާނެކަމުގައި އެކުންފުނިން ބުނެފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *