ޗާގޮސް މައްސަލާގައި އަޅުގަނޑު ނަގަންޖެހޭ ޒިންމާއެއް ނޯންނާނެ: ނަޝީދު

ޗާގޮސް މައްސަލާގައި އަޅުގަނޑު ނަގަންޖެހޭ ޒިންމާއެއް ނޯންނާނެ: ނަޝީދު

Author
މުޙައްމަދު ޖިމީ
01 ޑިސެމްބަރ 2022 03:24
0

ޗާގޮސް މައްސަލާގައި ނިންމެވި އެއްވެސް ނިންމުމެއްގެ ޒިންމާ އެމަނިކުފާނު ނަންގަވަން ޖެހިވަޑައިނުގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރާއްޖެއާއި ޗާގޮސްއާއި ކަނޑުގެ ފުށު އަރާ މައްސަލާގައި ޗާގޮސްއަކީ މޮރީޝަސްގެ ތަނެއްކަމަށް ކަނޑައެޅުމަށް ރާއްޖެއިން ނިންމާ ވޯޓު ދިން މައްސަލާގައި ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

މަޖިލީހުގެ މަސައްކަތްތަކާއި ގުޅޭގޮތުން ކުރިއަށްގެންދާ އާސްކް ސްޕީކާ ޕްރޮގްރާމްގައި ޢާންމުންގެ މީހަކު ވަނީ ޗާގޯސް މައްސަލާގައި ބައެއް ނިންމުން އެމްޑީޕީގެ ވެރިކަމުގައި ރައީސް ނަޝީދުވެސް ނިންމަވާފައިވާކަމަށް ބުނެފައެވެ. އެހެންކަމުން ޗާގޮސް މައްސަލާގައި ޢާންމުން ސަރުކާރަށް އޮތް ނުރުހުމުގެ ނާޖާއިޒް ފައިދާ ރައީސް ނަޝީދު ނަންގަވަނީތޯވެސް މީހަކު ސުވާލުކުރިއެވެ.

އޭގެ ޖަވާބުގައި ނަޝީދު ވިދާޅުވީ، ޗާގޮސް މައްސަލާގައ އެމަނިކުފާނު ނަންގަވަންޖެހޭ އެއްވެސް ޒިންމާއެއް ނޯންނާނެކަމަށެވެ. ސަރުކާރުން މިހާތަނަށް ނިންމާފައިވާ އެއްވެސް ނިންމުމެއް ނިންމީ އެމަނިކުފާނާ ވާހަކަ ދައްކާފައިނޫންކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ، ޗާގޮސް މައްސަލާގައި ސަރުކާރުގެ ނިންމުން ގޯސްކަމަށެވެ.

ރާއްޖެއާއި ޗާގޯސްގެކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލާގައި ޗާގޮސްގެ މައްޗަށް މޮރީޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ބުނެ ރާއްޖެއިން އެއްބަސްވެފައިވާތީ ސަރުކާރަށް ވަނީ ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. ޚާއްޞަކޮށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މޮރީޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުވިކަންވެސް ހާމަވެފައިވަނީ އިޓްލޮސްގައި ވަކާލަތުކުރައްވަމުން އެޓާނީ ޖެނެރަލް އިބްރާހީމް ރިފްޢަތު ވިދާޅުވުމުންނެވެ.

ޗާގޯސް މައްސަލާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާލުވީ ރާއްޖެއިން ޢަމަލުކުރަމުން އަންނަނީ މީގެ 30 އަހަރުކުރިންވެސް ދިވެހި ދައުލަތުން ނިންމެވި ނިންމެވުންކަމަށެވެ. އަދި މި މައްސަލާގައި ރާއްޖެއިން އަމަލުކުރަނީ ރާއްޖެއަށް އެންމެ ފައިދާ އޮތްގޮތަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިދިޔަ އާދިއްތަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައިވާ ގޮތުން ޗާގޯސް މައްސަލައިގައި މި އަހަރު އދ.ގައި ނަގާ ވޯޓުގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓުލާން ނިންމައި، އެކަން ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅަކުން ވަނީ މޮރިޝަސްގެ ބޮޑުވަޒީރަށް އަންގަވައިފައެވެ.

އދ.ގެ އާންމު މަޖިލީހުގައި ނަގާ ވޯޓަކީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން އަންގާފައިވާ ގޮތަށް، ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލާ ގަރާރެއް ފާސްކުރުމަށް ނަގާ ވޯޓެކެވެ. އެ ވޯޓުގެ ސަބަބުން، ރާއްޖެ އާއި ފޯޅަވައްސާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ ތެރެއިން ފުށުއަރާ ސަރަހައްދާ ގުޅޭ މައްސަލައަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.