ވަކި މަދު ބަޔަކު އެދޭ އެދުމަށް ގައުމު ހަލަބޮލި ކުރަން ރައްޔިތުން ޖާގައެއްނުދޭނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ދުވަސްވަރު މަޖިލީހުގެ މެޖޯރިޓީ ސަރުކާރައްނެތި ސަރުކާރުގެ ވައުދުތައް ފުއްދުމަށް އޮތް ދަތިތަކާއި ގުޅޭގޮތުން މިހާރުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަތަކެއް ހިއްސާ ކުރައްވައި ކުރެއްވި ޓުވީޓުގައެވެ.
އިސްމާއިލް ވިދާޅުވީ ރާއްޖޭގެ ހަމަޖެހުން ނަގާލައި ވަކި ބަޔަކު ބޭނުންވާ ގޮތަކަށް ކަންކަން ވުމަކީ ދިވެހި ރައްޔިތުން ޖާގަދޭނެ ކަމެއް ނުނޫންކަމަށެވެ. ބަރުލަމާނީ ނިޒާމު ނޫންގޮތެއް ނެތްކަމަށް ދެކި ރެފަރެންޑަަކަށް ދާން މަސައްކަތް ކުރާ މީހުންނަކީ ޤައުމު އަދަވަޅަކަށް ވައްޓާލައިގެންވެސް އެކަން ކުރަން ތައްޔާރަށް ތިބިބައެއް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެޖާގަ ދޭކަށް ދިވެހި ރައްޔިތުން ބޭނުން ނުވާކަމަށް އެނާ ވިދާޅުވިއެވެ.
ރިފަރެންޑަމަށް ދާން އެއްބަސްވުންނޫން ގޮތަކީ ގޮތެއް ނޫންކަމަށް ދެކިތިބެ މި ރާއްޖެ އަނދަވަޅަކަށް ވައްޓާލަން މަދު ބަޔަކު ތިޔަކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ. ވަކި މަދު ބަޔަކު އެދޭ އެދުމަށް ގައުމު ހަލަބޮލި ކުރަން ރައްޔިތުން ޖާގައެއްނުދޭނެ!
– އިސްމާއިލް ވިދާޅުވިއެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުއްޓުމެއްނެތި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ކުރަމުންދާ މަސައްކަތަށް ރައީސް ޞާލިހު އެއްބާރުލުން ނުދެއްވުމަކީ ރައީސް ނަޝީދުގެ އެންމެބޮޑު ކަންބޮޑުވުމެވެ. ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ނިމިދިޔަ ކޮންގްރެސްއަށްވެސް ބަރުލަމާނީ ގަރާރެއް ހުށަހަޅުއްވައިގެން އެމަސައްކަތް ކުރިއަށް ގެންދިއުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ރައީސް ޞާލިހުގެ އެއްބާރުލުން ނުލިބުމުން އެކަންވަނީ ނާކާމިޔާބު ވެފައެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށްޓަކައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކުރިން އަދިވެސް ބާއްވަންވީ އިންތިޚާބަކީ ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ރައްޔިތުން ދެކޭ ގޮތެއް ބަލަން ބާއްވާ އިންތިޚާބުކަމަށް ރައީސް ނަޝީދު ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ. ނަމަވެސް އެކަމަށް ރައީސްގެ މާބޮޑު އިޖާބައެއް ނެތެވެ. މިމައްސަލާގައި ރައީސް ނަޝީދު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހަށް ތާއީދު ނުކުރެއްވުމަށްވެސް ނިންމާވާފައެވެ.